ކޯވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާ ވަގުތު މާލެ އޭރިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް، ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ރަޖިސްޓްރީކުރި ކަންމަތީ ފިހާރަތަކާއި މިހާރު އޮންލައިންކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ މާލެ ސަރަހައްދަށް އިއްޔެ ފުރަބަންދު އިއުލާންކުރުމާއިއެކު ދަތިތަކެއް ކުރިމަތިވިކަމަށެވެ. އެންމެބޮޑު ދަތިތަކެއް ކުރިމަތިވީ އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި ގަތުމަށްކަމަށާއި އެކަން ހައްލުކުރުމަށް މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ސިފާ ވިދާޅުވިއެވެ.
ފުރަބަންދުގެ ހާލަތާއި ގުޅިގެން ރައްޔިތުންގެ ފަރާތުން ވަރަށްބޮޑަށް ކިޔަމަންތެރިކަމާއި އެއްބާރުލުން ދެއްވިތަން ފެނިގެން ގޮސްފައިވާކަމަށް ސިފާ ވިދާޅުވިއެވެ. ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މިހާލަތު އައިސްދާނެކަމަށް ބަލައި ކުރިން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކޮށްފައިވާ ކަންމަތީ ފިހާރަތަކާއި، އޮންލައިންކޮށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ރަޖިސްޓްރީވާ ފިހާރަތަކަށް ހުއްދަ ދިނުމަށެވެ.
ޚިދުމަތް ދިނުމަށް ހުއްދަ ދެވޭނީ ޑެލިވަރީ ކޮށްދެއްވާނެ ފިހާރަތަކަށް އެކަނިކަމަށް ސިފާ ވިދާޅުވިއެވެ. ފިހާރަތައް ހުޅުވުމަށް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ޑެލިވަރީ ޚިދުމަތްދޭ ފިހާރަތަކަށް ދޫކުރާ ފާސްތައް ދޫކުރަމުންދާނީ ޕޮލިސް ޓޯޔާޑުންކަމަށްވެސް ސިފާ ވިދާޅުވިއެވެ.
ޚިދުމަތް ދިނުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ސިޓީ ކައުންސިލާއި ފުލުހުން ޤާއިމްކޮށްފައިވާ ފޯން ނަމްބަރުތަކަށް އިއްޔެ ބާރުބޮޑުވެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށް ނުދެވުނުކަމަށްޓަކައި ސިފާވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިހާރު މާލެ ސަރަހައްދުތަކަށް ބަހާލެވި އެތަންތަނަށް ގުޅޭނެ ޚާއްސަ ނަންބަރުތަކެއް ކަނޑައެޅިފައިވާކަމަށެވެ.
ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ނަންބަރުތައް:
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވިދާޅުވީ އާންމު ރައްޔިތުން ޚިދުމަތް ހޯދުމަށް ޚާއްސަ ކޯލްސެންޓަރެއް ފުލުހުން ގާއިމްކޮށްފައިވާކަމަށެވެ. 10 ފޯނުން ޚިދުމަތްދޭގޮތަށް ގާއިމްކޮށްފައިވާ މިސެންޓަރުން އާންމު ރައްޔިތުންނަށް ބޭނުންވާ ކަންކަން ސާފުކޮށްދީ ހަމަޖައްސާދޭނެކަމަށެވެ.
އަދި ޑެލިވަރީގެ ޚިދުމަތް ދިނުމުގައި މިހާތަނަށް 95 ފިހާރައަކަށް ހުއްދަ ދެވިފައިވާއިރު، އިތުރު 180 ފިހާރައަކަށް މިއަދު ހުއްދަ ދެވިގެންދާނެކަމަށްވެސް މުހައްމަދު ރަޝީދުވިދާޅުވިއެވެ.