ވިޔަފާރި

އެސްޓީއޯގެ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް އަލުން ފަށައިފި


އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންދާ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް މެދުކަނޑާލުމަށްފަހު މިހާރު އެޚިދުމަތް އަލުން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކޯވިޑް 19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކޮށްފައިވާތީ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލި ކަމަށާއި މިގޮތަށް މެދުކަނޑާލީ ޑެލިވަރީ ކުރުމަށް ނަގަންޖެހޭ ބައެއް ހުއްދަތައް ހޯދުމަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯގެ "އީސްޓޯރ.އެމްވީ"ގެ ޚިދުމަތް އަލުން ފެށުން

ކޯވިޑް19 ގެ މި ހާލަތުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން އާންމު ދިރިއުޅުމަށް ބޭނުންވާނެ ތަކެތި ގަތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

"އީސްޓޯރ.އެމްވީ" ގެ ޚިދުމަތަކީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ.

އެގޮތުން" އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކުރުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެއެވެ.

މި ވެބްސައިޓު މަސައްކަތް ކުރާނީ އޮންލައިންކޮށް ވިޔަފާރިކުރާ އެހެން ވެބްސައިޓްތަކާއި ދާދި އެއްގޮތަކަށެވެ. އެގޮތުން މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި މި ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ.

ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ 'ސާޗް' ބަޓަންއިން ހޯދާލެވެން ވެސް ހުރެއެވެ. އަދި މިތަނުން އެމީހަކު ބޭނުންވާ އެއްޗަކަށް ފިތާލުމުން އެތަކެތި 'ކާޓް' ނުވަތަ ވަށިގަނޑަށް ލެވެއެވެ. ވަށިގަނޑަށް ލާ ހިސާބުން އެކަސްޓަމަރެއްގެ މަޢުލޫމާތު ފުރަން ޖެހޭނެއެވެ. މަޢުލޫމާތު ފުރުމަށްފަހު ބީއެމްއެލް އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަތް ތަކެއްޗަށް ފައިސާ ދައްކާލެވޭނެއެވެ.