ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ އެއަރލައިންތަކަށް މިލިއަނުން ގެއްލުން ވެގެންދާނެ ކަމަށް އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ބުނެފިއެވެ.
އަޔާޓާއިން ބުނީ ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުތައް މުޅިންހެން ހުއްޓިފައިވުމުގެ ސަބަބުން މި ސިނާއަތައް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެއަރލައިންތަކަށް 507 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ އޭވިއޭޝަން ސިނާއަތުގައި މަސައްކަތް ކުރާ 28000 މީހުންގެ ވަޒީފާ ގެއްލިދާނެކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އަޔާޓާއިން އަންދާޒާކުރާގޮތުގައި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެއަރލައިންތަކުން ފަސިންޖަރުން އުފުލާ އަދަދު 40 އިންސައްތައަށް ދަށްވެގެންދާނެއެވެ. މިއީ ގާތްގަނޑަކަށް 2،124،000 ފަސިންޖަރުންގެ މަދުވުމެކެވެ.
ޕީއެސްއެމްނިއުސްއަށް މައުލާމާތުދެއްވަމުން މަންޓާ އެއަރގެ ޗީފް މާކެޓިންގ އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން އެއަރލައިންތަކަށް ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. ބައިނަލްއަޤްވާމީ ގޮތުން ކުރަމުންއައި ދަތުރުތައް މިހާރު އެއްކޮށް ހުއްޓާލާފައިވުން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، ބައިނަލްއަޤްވާމީ ދަތުރުތައް މި ސިނާއަތުގެ %80 ހިއްސާކުރާކަމަށެވެ. އަނެއް %20 އިންސައްތަ ހިއްސާކުރަނީ ޑޮމެސްޓިކް ދަތުރުތަކެވެ. ނަމަވެސް ޑިމާންޑް ނެތުމުގެ ސަބަބުން މިހާރު ޑޮމެސްޓިކް ދަތުރުތައްވެސް ނުކުރާއިރު މި ސިނާއަތުގެ އާމްދަނީ ސުމަކަށް ވެއްޓިފައިވާކަމަށެވެ.
އެއަރލައިނެއް ހިންގުމަކީ ޚަރަދުބޮޑު ކަމަކަށްވާއިރު އެއަރލައިންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް މުސާރަބޮޑު ބައެއްކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، އެޕްރީލް މަހުން ފެށިގެން ކުރިއަށްއޮތް 3 މަހުވެސް އެއަރލައިނަށް މުޅިން ގެއްލުން ވާނެކަމަށެވެ. އަދި މާކެޓް ލިބެންފެށިނަމަވެސް އެއަރލައިންތައް ހަމައަކަށްއެޅެން ވަގުތު ބޭނުންވާނެކަމަށެވެ.
ކޯވިޑް19 ގެ ސަބަބުން ރާއްޖެއިން އޮން އެރައިވަލް ވިސާދިނުންވެސް މިހާރު ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައްވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. މި ހާލަތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ބޮޑެތި އެއަރލައިންތަކަށްވެސް ގެއްލުމާއި ކުރިމަތިލާންޖެހޭނެ ކަމަށް އެއެއަރލައިންތަކުން މިހާރު ވަނީ ބުނެފައެވެ.