ޚަބަރު

ކޯވިޑް-19 : ފިލިޕީންސްއިން އައި ދިވެއްސަކު ޕޮޒިޓިވްވެއްޖެ


އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވީ އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްކަމަށެވެ. މި މީހާއަކީ ފިލިޕީންސް އިން އެނބުރި އައި މީހެއްކަމަށާއި އޭނާ މިހާރު ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭޢިން ވިދާޅުވެއެވެ.

މިއީ މިހާތަނަށް ކޯވިޑް 19 އަށް ޕޮޒިޓިވް ވި ފަސްވަނަ ދިވެހި މީހާއެވެ.

އެހެންކަމުން ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ ބަލި ޖެހުނު 5 މީހަކަށެވެ. މީގެ ތެރެއިން ކުރިން ޕޮޒިޓިވް ވި 4 މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެއައި 4 ދިވެހިންނެވެ. މިއެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި ޞިއްޙީ ގޮތުން އެއްވެސް މައްސަލައެއް އެމީހުންގެ ފަރާތުން ފާހަގަނުވާކަމަށް އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ، ޑރ.މޫސާ މުރާދު ވިދާޅުވީ މިހާތަަނަށް ކޯވިޑް-19އަށް ޝައްކުކުރެވިގެން ރާއްޖޭގައި 2612 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން 2507 ސާމްޕަލް ކޯވިޑް-19އަށް ނެގެޓިވް ވެފައިވާކަމަށެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ ކަރަންޓީން އެކި ފެސިލިޓީސްތަކުގައި 862 މީހާރު ކަރަންޓީން ކޮށްފައިވެއެވެ.

ރާއްޖޭގައި ކޯވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި ރާއްޖޭގެ އެތެރޭގެ ބައެއް ކަންކަމަށް ބަދަލު ގެނެސްފައިވުމުގެ ނަތީޖާއަކީ މިބަލި ރާއްޖޭގައި ފެތުރިގެންދާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އެނުރައްކާތެރި ޙާލަތު އައުން ލަސްވުކަމަށް ހެލްތު މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރާއްޖޭގައި އަދިވެސް މިބަލި ފެތުރިދާނެކަމަށް ވިސްނައި ސަމާލުވެ ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، ގައިދުރުކަން ބަހައްޓައިގެން އުޅުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ރައްޔިތުން ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ސްކޫލްތަކާއި އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކޮށް ޢާންމުނަށް ބައެއް ޚިދުމަތްތައްދިނުން މަޑުޖައްސާލާފައިވަނީ ގޭގައި ރައްޔިތުން ބޭތިއްބުމަށްކަމަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ރައްޔިތުންގެ ސަލާމަތަށްޓަކައި ގައިދުރުކަން ބެހެއްޓުމަށާއި ސަރުކާރުގެ އިރުޝާދުތަކާއި ކަމާބެހޭ ފަރާތްތަކުގެ ނިންމުންތަކަށް އަމަލުކުރުމަކީ މުހިންމުކަމެއްކަމަށާއި، މި ބަލިން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.