ވިޔަފާރި

ކޯވިޑް-19 : އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވަނީ


އަމާނާ ތަކަފުލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ވަރޗުއަލްކޮށްކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަމާނާ ތަކަފުލްއިން ބުނީ، އެ ކުންފުނީގެ 9 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު 14:30 ގައި ކަމަށެވެ. އަދި މި ޖަލްސާ ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަރޗުއަލްކޮށްކަމަށެވެ. މި ޖަލްސާގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ކުންފުނިތަކަށް އަހަރީ އާންމު ޖަލްސާތައް ބާއްވަން ދަތިވާނެތީ، އަހަރީ ޖަލްސާތައް ބާއްވަންޖެހޭ ތާރީޚު ޖުލައި މަހަށް ފަސްކޮށްދިނުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން މިހާރު ވަނީ ނިންމާފައެވެ. އަދި ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ނެރެންޖެހޭ އެންމެ ފަހުގެ ތާރީޚު 30 ޖޫންއަށް ވަނީ ބަދަލުކޮށްފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މި ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއެކު އެއްތަނަކަށް މީހުން ޖަމާވުމާއި އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.