ކޯވިޑް-19 ޖެހުނުނަމަވެސް އެއްވެސް އަލާމާތެއް ފާޅުނުވާ މީހުންގެ ކިބައިން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ޗައިނާއިން މަސައްކަތް ފަށައިފިއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޗައިނާއިން އިތުރު މަސައްކަތްތަކެއް ކުރަން ނިންމީ ބަލި ޖެހިފައިވާ މީހުން މަދުން ނަމަވެސް އެޤައުމުން ފެންނަމުންދާތީ ބަލި ފެތުރުމުގެ ދެވަނަ ބުރެއް ފެށިދާނެކަމުގެ ބިރު އޮތުމުން އެކަން ހުއްޓުމުގެ މަޤުޞަދުގައެވެ. ޗައިނާއިން އެޤައުމުގެ އެކި ހިސާބުތަކުގައި ދަތުރުފަތުރުކުރުމުގެ ކަންކަމުގައި ހިފެހެއްޓުންތަކެއް ގެންގުޅެން ފެށީ ކޯވިޑް-19 ހަލުވިކޮށް ފެތުރެން ފެށުމުންނެވެ. ނަމަވެސް މިހާރު ޗައިނާގައި ބަންދުކޮށްފައި އޮތް ހުރިހާ ރަށްތަކެއް ހުޅުވާލައި ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ހުއްދަދީފައިވާތީ ބަލިމަޑުކަން ފެތުރިދާނެކަމުގެ ނުރައްކާ އޮތުމުން އެކަމަށްވަނީ ސަމާލުވާންޖެހިފައެވެ.
އަދި ބޭރު ޤައުމުތަކުގައި އުޅުމަށްފަހު ޗައިނާއަށް އަންނަމުންދާ މީހުންގެ ކިބައިން ކޯވިޑް-19 ފެންނަ މިންވަރުދަނީ އިތުރުވަމުންނެވެ. ގިނަ އަދަދެއްގެ މީހުން ވަޒީފާއަށް ނުކުތުމާއި ޤައުމުގެ އެތެރޭގައި ދަތުރުކުރުން އިތުރުވެ އޮފީސްތަކާއި ކާރުޚާނާތަކުގެ މަސައްކަތްތައް ފެށުމުން އިޤްތިޞާދީ ހަލަބޮލިކަންވަނީ ޗައިނާގައި އިތުރުވެފައެވެ. އެހެންކަމުން ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށްވަނީ ވިސްނަންޖެހިފައެވެ. އެގޮތުން ބޭރަށް ނުކުންނައިރު މާސްކް އެޅުމާއި ގިނަ މީހުން އެއްތަނަކަށް އެއްނުވުމާއި އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމާއި ގިނައިން އަތްދޮވުން މުހިންމުކަމަށް ޕީޕަލްސް ލިބަރޭޝަން އާރމީ ޖެނެރަލް ހޮސްޕިޓަލުގެ ޕްރޮފެސަރ ލިއު ޔޯނިންވަނީ ވިދާޅުވެފައެވެ.
އޭޕްރިލް މަހުގެ އެކަކުން ފެށިގެން ބަލީގެ އަލާމާތެއް ފެންނަން ނެތް މީހުން ޓެސްޓްކޮށްގެން ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރި 657 މީހުންވަނީ ފެނިފައެވެ. މީގެ ތެރެއިން 57 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފަހުންވަނީ ފެނިފައެވެ.