ޚަބަރު

ރަސްމީ ފާލަން މާދަމާރޭ ހުޅުވަނީ


މާލޭ ރަސްމީ ފާލަން މާދަމާރޭ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ފާލަން ރަސްމީގޮތުން ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.ކުރިން ބޭނުން ކުރަމުންދިޔަ ފާލަމުގެ ބަދަލުގައި ޒަމާނީ ފާލަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ފަށާފައިވަނީ މިނިވަން ފަންސާހާއި ގުޅިގެންނެވެ. މި ފާލަމަކީ ސިފައިންގެ އާކިޓެކްޗަރުންނާއި ގްރެފިކްސް އާޓިސްޓުން ފަރުމާކޮށްފައިވާ ވަރަށް ފުރިހަމަ ފާލަމެއްކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. ފާލަން ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި އެމްްއެންޑީއެފްގެ ޚާއްޞަ ވޯޓަރ ޑިސްޕްލޭއަކާއި ސްކޫލު ދަރިވަރުންގެ ނެށުމުގެ ހަރަކާތްތަކާއި ދިވެހި ފަންނާނުން ހުށަހަޅައިދޭ އައިޓަމެއްގެ އިތުރުން ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މާދަމާރޭ ފާލަން ހުޅުވާއިރު ފާލަމުގައި ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ދަނީ ކުރަމުންނެވެ. މިތަން ހެދުމުގެ މަސައްކަތް ކުރަމުންދާ އެމް.ޓީ.ސީ.ސީން ބުނީ ޖުލައި ސައްބީސްވަނަ ދުވަހަށް ފާލަން ނިންމުމަށް ޓާގެޓް ކުރި ނަމަވެސް މަސައްކަތް ނިންމާ ނުލެވުނީ ވިއްސާރަ ވުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތި ވުމުން ކަމަށެވެ. ނަމަވެސް މިހާބޮޑު މަސައްކަތެއް އެއް މަހާއި ތިން ދުވަސްތެރޭ ނިންމާލުމަކީ ބޮޑު ކާމިޔާބީ އެއްކަމަށް ގަބޫލު ކުރާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.