ވިވިލިމާލެއަށް ދަތުރުކުރާ މީހުން ހަވީރު 05:00ގެ ކުރިން ވިލިމާލެއަށް އަރައި ގެއަށް ދެވޭ ވަރަށް ފެރީގެ ޚިދުމަތް ހޯދުމަށް އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.
ކޯވިޑް 19ގެ ހާލަތާއި ގުޅިގެން ކޮންމެ ދުވަހެއްގެ ހަވީރު 05:00އިން 08:00އަށް މަގުތަކަށް މީހުން ނުކުމެ އުޅުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިންވަނީ މަނާކޮށްފައެވެ. މިއާއެކު އާއްމު ދަތުުރުފަތުރުގެ ޚިދުމަތްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްވެސް އެގަޑިތަކުގައި މެދުކަނޑާލާނެއެވެ. މި ނިންމުމާއި އެއްގޮތަށް ވިލިމާލޭގެ ޕަބްލިކް ޓްރާންސްޕޯޓް ފެރީ ނިޒާމުގެ ޚިދުމަތްދޭ ވަގުތަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން 17:00ގެ ކުރިން ވިލިމާލެއަށް ދަތުރުކުރާ އެންމެ ފަހު ފެރީ ބާއްވަމުން އައީ ހަވީރު 16:30ގައެވެ.
ނަމަވެސް މާލެއިން ވިލިމާލެއަށް ދަތުރުކުރާ މީހުން ފަހުވަގުތަށް މަޑުކުރުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅުން މަނާ ވަގުތު ފެށުމުގެ ކުރިން ބާއްވާ ފަހު ފެރީން ވިލިމާލެއަށް ދިއުމަށް ގިނަ ބަޔަކު ފެރީޓާމިނަލަށް ޖަމާވެ ބާރު ބޮޑުވުމުގެ ސަބަބުން ދަތިތަކެއް ދިމާވަމުންދާކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިކަމަށް ލުޔެއް ހޯދުމުގެ ގޮތުން އެމްޓީސީސީން މިވަނީ 17:00ގެ ކުރިން ބާއްވާ ފަހު ފެރީ ފުރާ ގަޑި އަވަސް ކޮށްފައެވެ. އަދި އެމްޓީސީސީން ވަނީ ފަހު ވަގުތަށް މަޑުނުކުރުމަށް އާންމުންނަށް އިލްތިމާސްވެސް ކޮށްފައެވެ.
މީގެ އިތުރުން ބޭރަށް ނިކުމެ އުޅުން މަނާ ވަގުތުގައި ފެރީގެ ޚިދުމަތް ހުއްޓާލުމަށްފަހު އަލުން ފަށާގަޑީގެ ކުރިން ފެރީ ޓާމިނަލަށް އައިސް ނުތިބުމަށްވެސް އިލްތިމާސް ކޮށްފައެވެ. ބޭރަށް ނުކުތުން މަނާ ވަގުތަށްފަހު ވިލިމާލެ ފެރީގެ ޚިދުމަތް ފަށާނީ 20:15ގައެވެ.
މި ނޫން އެހެންވަގުތުތަކުގައި މިހާރުވެސް އާއްމު އުސޫލުގެދަށުން ކޮންމެ 5 މިނެޓާއި 10 މިނެޓުން އަންނަނީ ފެރީ ބާއްވަމުންނެވެ.
އަދި ދަންވަރު ކޮންމެ 15 މިނެޓުން އަންނަނީ ފެރީ ބާއްވަމުންނެވެ.
ބޭރަށް ނިކުމެ އުޅުން މަނާ ވަގުތުތާއި ދިމާކޮށް ތިލަފުއްޓާއި ގުޅީފަޅަށް ދަތުރުުކުރާ ފެރީގެ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައިވެއެވެ. އެގޮތުން ތިލަފުއްޓާއި ގުޅީފަޅަށް އެމްޓީސީސީން ފެރީ ބާއްވާ އެންމެ ފަހު ގަޑިއަކީ 16:00އެވެ. ތިލަފުއްޓާއި ގުޅީފަޅަށް ދަތުރުކުރާ ފެރީތައްވެސް ދަތުރުކުރަނީ މާލެ-ވިލިމާލެ ފެރީ ޓާމިނަލުންނެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ ކުންފިނިން ކުރަމުންދާ އިލްތިމާސްތަކަކީ ވީހާވެސް ތޮއްޖެހުން ކުޑަކޮށް، ގައިދުރުކޮށް ޚިދުމަތް ހޯދުމަށް ބާރުއެޅުމަށް ކުރާ އިލްތިމާސްތަކެއްކަމަށެވެ. އެގޮތުން ކުރިއާލާ ދަތުރުކުރުމާއި، އަދި ކުރިން އެއަފަހަރާ 100 މީހުން ދަތުރުުކުރި ފެރީތަކުގައި މިހާރު އެއްފަހަތާ ގެންދަނީ 50 މީހުންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެވަރެޖްކޮށް ވިލިމާލެއަށް ދުވާލަކު 15،000 މީހުން ދަތުރުކުރެއެވެ. ނަމަވެސް މިހާރު ދުވާލަކު ދަތުރުކުރަނީ 6000އެއްހާ މީހުންކަމަށް އެމްޓީސީސީން ބުނެއެވެ.
ހުޅުލެއާއި ހުޅުމާލެއާއި ދެމެދު އެމްޓީސީސީންދޭ ބަހުގެ ޚިދުމަތްވެސް ބޭރަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި މެދުކަނޑާލާނެއެވެ. އަދި ދަންވަރު އެކަކުން ފަހަކަށް ހުޅުމާލެއާއި ހުޅުލެއާއި ދެމެދު ދަތުރުކުރާ އެމްޓީސީސީ ބަހުގެ ޚިދުމަތް މުޅިން މެދުކަނޑާލާނެއެވެ.
މި ބަދަލުތަކަކީ ޓަރާންސްޕޯޓް މިނިސްޓްރީގެ ލަފަޔާއިއެކު ގެނެސްފައިވާ ބަދަލުތަކެކެވެ. އެމްޓީސީސީން މިހާތަނަށް އެކުންފުނިން އަތޮޅުތަކުގައި ޚިދުމަތްދޭ ފެރީ ނިޒާމަށް ބަދަލު ގެނެސްފައެއް ނުވެއެވެ.