ޚަބަރު

ނީލަން ފިހާރަތައް ހުންނަ ސަރަހައްދު ސިޓީކައުންސިލުން ސާފުކޮށްފި


ނީލަން ފިހާރަތަކުން މަގުމައްޗަށް ނެރެފައި ހުރި ތަކެތި ނަގައި އެ ސަރަހައްދުގެ މަގު ސާފުކުރުމަށް އެންގި މުއްދަތު ހަމަވިއިރު، ނުނަގާ ހުރި ތަކެތި ނަގައި އެ ސަރަހައްދުގެ މަގު މާލޭ ސިޓީ ކައުންސިލުން ސާފުކޮށްފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު އެޗްޕީއޭއިންވަނީ މާލޭގެ މަގުތައް ސާފުކުރުމަށް ސިޓީ ކައުންސިލަށް އަންގާފައެވެ. މި މަސައްކަތުގެދަށުން ސިޓީ ކައުންސިލުންވަނީ ނީލަން ފިހާރަތަކުން ނެރެފައި ހުރި ތަކެތި ނެގުމަށް މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް 4 ދުވަހުގެ މުޙުލަތެއް ދީފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ބައެއް ތަކެތި އެ ސަރަހައްދުން ނަގާފައެއް ނުވެއެވެ. ސިޓީކައުންސިލުން ވަނީ އެ ސަރަޙަށްދުން 15 ޕިކަޕުގެ ކުނި ނަގާފައެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ނީލަން ފިހާރަ ހިންގާ ބިންތަކުގެ މަޢުލޫމާތާއި އެތަންތަން ހިންގާނީ ކޮންބައެއްކަން ކަށަވަރު ނުކުރެވޭކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ވިޔަފާރިތައް ރެޖިސްޓްރީނުކޮށް ހިންގާކަން ފާހަގަވެފައިވާކަމަށެވެ. މި މައްސަލަ އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅައިގެން މަޢުލޫމާތު އިތުރަށް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޝިފާވަނީ ވިދާޅުވެފައެވެ.

ނީލަން ފިހާރަތަކަކީ ގޭގެއިން އުކާލާ ތަކެތީގެ ތެރެއިން ބޭނުންކުރެވޭ ތަކެތި ނަގައިގެން ވިއްކާ ވިޔަފާރިތަކެކެވެ. އެގޮތުން ލަކުޑިއާއި، ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުވެސް ވިއްކައެވެ.

ސިޓީ ކައުންސިލުންވަނީ އެތަންތަނުން މަގުމައްޗަށް ތަކެތި ނެރުން މަނާކޮށް އެ ސަރަޙައްދުގައި ޓޭޕް ދަމާފައެވެ. އަދި މަގުމައްޗަށް ތަކެތި ނެރޭނަމަ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޖޫރިމަނާކުރާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ނީލަން ފިހާރަ ހިންގާ މަގުގައި ވެހިކަލް ދުއްވޭގޮތަށްވެސް ބަދަލުގެނެސްފައިވާކަމަށެވެ. ކުރިން އެމަގަކީ ދެކޮޅަށް ދުއްވޭ މަގެއް ނަމަވެސް މިހާރު އެމަގުގެ ފާޝަނާކިލެގެ މަގުން ފެށިގެން، މޯލްޑިވް ގޭހުގެ އޮފީސް ހުންނަ ތަރާނާ ގޯޅިއާއި ހަމައަށް އޮންނަ ސަރަޙައްދުވަނީ ވަންވޭ ކޮށްފައެވެ. މި ބަދަލާއިއެކު މިހާރު އެމަގުގެ ސަރަޙައްދުގައި ދުއްވޭނީ ހުޅަނގުން އިރަށެވެ.