ޚަބަރު

ސްޕެއިންގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 15 ދުވަހަށް އިތުރުކޮށްފި


ކޯވިޑް-19 ފެތުރޭތީ ސްޕެއިންގައި އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އޭޕްރިލް 26އާހަމައަށް އިތުރުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްޕެއިންގައި 126,168އަކަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 11,947 އަރާފައެވެ. ދުނިޔޭގައި ކޯވިޑް-19ގެ އަސަރު ދެވަނައަށް އެންމެ ބޮޑަށްކޮށްފައިވަނީ ސްޕެއިންނަށެވެ.

ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވިދާޅުވީ ސްޕެއިންގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނަންފަށާފައިވާކަމަށާއި އިތުރު 15 ދުވަހުގެ މުއްދަތަށް އެޤައުމު ބަންދުކޮށްފައި ބޭއްވުމުގެ ހުއްދައަށް ޤާނޫނުހަދާ މަޖިލީހުގައި އެދޭނެކަމަށެވެ. ހަލުވިކަމާއެކު ވައިރަސް ފެތުރެމުންގޮސް މިހާރުވަނީ ވައިރަސް ފެތުރޭ މިންވަރު ކޮންމެވެސް މިންވަރަކަށް މަޑުޖެހެންފަށާފައިވާކަމަށް ސަންޗޭޒް ވިދާޅުވިއެވެ. އަދި ހިތްވަރާއެކު އެންމެން މަސައްކަތްކޮށްފިނަމަ ވައިރަހާ ދެކޮޅަށް ކާމިޔާބު ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސްޕެއިންގައި އަޅާފައިވާ ބައެއް އިޤްތިޞާދީ ފިޔަވަޅުތަކަށް ދޫދެއްވާނެކަމަށް ބޮޑުވަޒީރު ސަންޗޭޒް އިޢުލާނުކުރެއްވިއެވެ. ނަަމަވެސް ފިހާރަތަކާއި ރެސްޓޯރަންޓުތައް ހުޅުވުމުގެ ޙުއްދަ އަދި ނުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިލާތުގެ ޤައުމުތަށް ގުޅިގެން ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ފަންޑެއް އުފެއްދުމުގެ ޚިޔާލަށް އޭނާވަނީ މަރުޙަބާ ކިޔުއްވާފައެވެ.