ވިޔަފާރި

ވައިކަރަދޫ އަޝްރަފް އަޖުމަބަލަން ހެއްދި ހަނޑުލުން މިއަދު ބަތްވެސް ކައްކައިފި


ހދ. ވައިކަރަދޫ ޒުވާނެއް ކަމަށްވާ އިބްރާހިމް އަޝްރަފް އަކީ ދަނޑުވެރިއެއް ނޫނެވެ. އޭނާއަކީ ހދ ވައިކަރަދޫ ސްކޫލްގެ ޓީޗަރެކެވެ. ނަމަވެސް ގަސް ހެއްދުމުގައި ޝައުޤުވެރިވާތީ ގޭގައި އިންނަ ހުސްތަންކޮޅުގައި އެކި ބާވަތުގެ އެއްޗެތި އޭނާ ހައްދައެވެ.

މިގޮތުން 31 އަހަރުގެ އަޝްރަފް ހެއްދި ހަނޑޫގަސްތަކެއްގެ ފޮޓޯ މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. ޕީއެސްއެމް އާއި ވާހަކަ ދައްކަމުން އަޝްރަފް ބުނީ ވައިކަރަދޫއަކީ މީގެ 50 އަހަރު ކުރީންވެސް ގިނަ އަދަދަކަށް ހަނޑޫ ހެއްދި ރަށަކަށް ވާތީ އެކަންކުރުމަށް އޭނާ ޝައުޤުވެރިވީކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު ރަށު ސްކޫލްގައި އުޅޭ އިންޑިއާގެ ބިދޭސީ ޓީޗަރެއްގެ އެހީތެރިކަމާއެކު ހަނޑުލުގެ މުޑުވައް ހޯދިކަމަށެވެ. މިހަނޑޫ ހެއްދުމަށްޓަކާ ފޮތިކޮޅަކަށް ކަޅުވެލި އެޅުމަށްފަހު ވެލިކޮޅުގެ ތެރެޔަށް އަޅައި ފޮތިކޮޅު ބަނދެލުމަށްފަހު ފެންޖަހައި 24 ގަޑިއިރު ވަންދެން ބެހެއްޓި ކަމަށް އެނާ ޕީއެސްއެމްއަށް ކިޔާދިނެވެ.

އޭނަ ބުނީ 24 ގަޑިއިރު ފަހުން ބެލިއިރު، ހަނޑޫފުއްތަކުން ހުރީ މޫ ނުކުމެފައި ކަމަށެވެ. ދެން އޭނާ ހަބޑު ފުށްތައް 4 ފޫޓު 5 ފޫޓު ގޮޅިއެއްގައި ޕްލާސްޓިކްއަޅާ، ވެލި އެޅުމަށްފަހު، ގެރި ގުޔާއިއެކު ފެން އަޅާ ޗަކަ ކޮށް ގަސްތައް ރުވީކަމަށެވެ.

މިއީ ޓީޗަރުގެ ލަފަޔާއި، ވީޑިއޯތަކުން ބަލައިގެން ހަނޑޫ ހައްދާ ގޮތަށް ކުރިކަމެއް ކަމަށް އޭނާ ކިޔާދިނެވެ. ގަސް އިންދުމަށް ފަހު ތިން މަސް ދުވަސް ތެރޭގައި ގަސްތަކުން ކުރާ އައި ކަމަށް އަޝްރަފް ބުންޏެވެ.

އަދި ހަތަރު މަސް ދުވަސް ތެރޭ ހަނޑޫ ދޮންވުމުން ކަޑަން ޖެހޭކަމަށް އަޝްރަފް ބުންޏެވެ. އަޖުމަ ބެލުމަށްޓަކައި ކުރި އެ މަސައްކަތުން ކިލޯއަކަށްވުރެ ގިނަ ހަނޑޫ ލިބުނު ކަމަށް އޭނާ ބުންޏެވެ. ހަނޑޫ ލިބުނީ މިދިޔަ އަހަރު ފެށެން ކައިރިވެފައި ވަނިކޮށެވެ.

އަދި އޭނާ ގޮވާންކުރި ހަނޑޫ ބޭނުންކޮށް މިއަދު ބަތްވެސް ކައްކާފައިވާކަށް އަޝްރަފް ވަނީ ބުނެފައެވެ. އޭނާ ބުނީ މިހަނޑޫ މިއީ ކާންވެސް ހަމަ ރަގަނޅު ކޮލިޓީއެއްގެ ހަނޑޫ ކަމަށެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ނުކުރަނީ ވަޒީފާގެ ގޮތުން އެފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ވަރަށް ވަގުތު ނުލިބޭތީ ކަމުގައި އޭނާ ބުންޏެވެ.

ވައިކަރަދޫގައި ހަނޑުލާއި ގޮދަން ހެއްދުމުގެ މަސައްކަތް 1969 ވަނަ އަހަރު އެރަށުގައި އުޅުނު އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ބުޓާނީ ކިޔާ އަންހެނަކާއި އޭނާގެ ފިރިމީހާ ވަނީ ކޮށްފައެވެ. އެ މަސައްކަތުގެ ފައިދާ މިއަދުވެސް މި ރަށުގެ ގިނަ ބަޔަކަށް ކުރަމުންދެއެވެ.

ރާއްޖޭގައި ހަނޑު ހެއްދުމަކީ ކުރެވިދާނެ ކަމެއްތޯ ބެލުމަށް އަޖުމަ ބެލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މީގެ ސާޅީހަކަށް އަހަރު ކުރިންވެސް ރާއްޖޭގައި ކުރިޔަށް ގެންދިޔައެވެ.