ޚަބަރު

ކޯވިޑް-19 : އައިޑީ ކާޑު ނެތަސް މިހާރު ބޭސް ނެގޭނެ


އައިޑީ ކާޑު ނެތްނަމަވެސް އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނިން މި އިންތިޒާމް ހަމަޖައްސާފައިވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން އާސަންދަ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތްނަމަވެސް، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހެޅުމުންވެސް އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ޚިދުމަތް އެމީހަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ.

އައިޑީ ކާޑު ނެތަސް ބޭސް ނެގޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސާފައިވާއިރު ދިގުމުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ބޭސް ސިޓީ ވައިބަރ ކޮށްގެން ބޭސް ނެގޭނެ އިންތިޒާމުވެސް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދިގުމުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ރާއްޖެއިން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް އެސްޓީއޯއިން ބޭސް ގެނެސްދިނުމަށްވެސް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެސްޓީއޯއިން ބޭސް ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިގޮތަށް ބޭސްދޫކުރާނީ ދިވެހިރާއްޖޭގައި އިޢުލާން ކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަންޏެވެ.

ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް މިގޮތަށް ބޭސްނެގުމުގެ ފުރުޞަތު ހަމަޖައްސާ ދިން ނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯސޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކުގެ އެހީ ހޯދަން ޖެހޭނެކަމަށް އާސަންދައިންވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރު ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ އާކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗުންވެސް ވަނީ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ބޭސް ބޭނުން ކުރާ ފަރާތްތަކުން ބޭސް ސިޓީ އައިޖީއެމްއެޗްގައި ބަހައްޓާފައިވާ ޚާއްސަ ފޮއްޓަކަށް ލުމުން ބޭސް ސިޓީ އާ އުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.