ދުބާއީގެ ޤައުމީ އެއަރލައިން، އެމިރޭޓްސްގެ ދަތުރުތައް އަލުން ފެށުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފިއެވެ.
އެގޮތުން ދުބާއީގެ ސިވިލް އޭވިއޭޝަން އިދާރާގެ ރައީސް ޝެއިޚް އަޙްމަދު ބިން ސައީދް އަލް މަހްތޫމް ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން މަދު ފަސިންޖަރުންތަކެއް ގޮވައިގެން ދަތުރުކުރުމުގެ ހުއްދަ އަލުން އެމިރޭޓްސްއަށް ދީފައިވާކަމަށެވެ. އަދި މިއީ ދުބާއީގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ޤައުމަށް ގެންގޮސްދިނުމުގެގޮތުންކުރާ ކަމެއްކަމަށެވެ. އަދި ވިޔަފާރި މުދާ ގެނެސް ފޮނުވުމަށްވެސް މިފްލައިޓްތައް ބޭނުންކުރާނެކަމަށް ޝެއިހް އަޙްމަދު ބިން ސައީދް އަލް މަހްތޫމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރިޔަށް އޮތްތާގައި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްޙީ ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލައި މަޑުމަޑުން އެމިރޭޓްސްގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެންނާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ވައިގެ އުދުހުންތައް ކުރާ އެމިރޭޓްސްއިން ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުން ހުއްޓާލާފައިވަނީ މާރޗުމަހުގެ 25 ގައެވެ. އެ އެއަރލައިނުން ދަތުރުތަށް ހުއްޓާލީ ބައިނަލްއަޤްވާމީ ފެންވަރުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށާއި، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން ވައިގެ ދަތުރުފަތުރުތަކަށް އޮތް ޑިމާންޑުވެސް ދައްވުމުންނެވެ.