ޚަބަރު

ކޯވިޑް-19 : ރައްޔިތުންގެ ކިޔަމަންތެރިކަން، ހަލަބޮލި މަގުތަކަށް ފަޅުކަން


ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަވީރު 17:00އިން ފެށިގެން ރޭގަނޑު 20:00އަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ބޭރަށް ނުކުމެ އުޅުން މަނާކަމެއްގެގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ކަނޑައަޅުއްވާފައެވެ.

މިއެންގުމާ އެއްގޮތަށް ރައްޔިތުންވަނީ އެއްބައިވަންތަކާއިއެކު ކިޔަމަންތެރިކަމުގެ މިސާލު ދައްކުވަދީފައެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރިގެން ދިޔަ ނިދުނުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަނޑައެޅުއްވި މަނާ ވަގުތުގައި މިއަދު ފެނުނީ ހަގީގަތުގައިވެސް ރީތި މިސާލެކެވެ.

ހަވީރު 17:00އިން ފެށިގެން ރައްޔިތުންވަނީ ގޭގެއަށްވަދެ މަގުތައް ހުސްކޮށްފައެވެ. ވެރިރަށް މާލޭގެ ހަލަބޮލި މަގުތަކުން ފެނުނު މަންޒަރު ޕީއެސްއެމް ނިއުސްއިންވަނީ ދުރައް ދައްކާފައެވެ. މާލޭގެ ޢިމާރާތްތަކުގައި ދިރިއުޅޭ މީހުންވަނީ ކުޑަދޮރުތަކުން ފެނުނު މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައެވެ.

މާލޭގެ އެންމެ ކާރޫބާރޫބޮޑު މަގުތަކުންވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހާމަވެގެން ދިޔައީ ކޯވިޑް-19އާ މެދު ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރެވެ. ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް ރައްޔިތުން ކިޔަމަންވާ މިންވަރެވެ.

މި ޚައްސާސް ދަނޑިވަޅުގައި ރައްކާތެރިކަމަށްޓަކައި ކުރެވޭ މަސައްކަތަކަށް މިފަދަ އެއްބާރުލުން ބޭނުންވާކަމަށް ޞިއްޙީ މާހިރު ތަކުރާރުކޮށް ވިދާޅުވެއެވެ. މިޙާލަތުން އަރައިގަނެވެންދެން މިގޮތުގައި ތިބެން އެބަޖެހެއެވެ.

މަނާ ވަގުތުތަކުގައި އިސްތިސްނާވާ ފަރާތްތައް

  • ސަލާމަތީ ބާރުތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަދުފަހަރު
  • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޔުނީފޯމުއެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އުރީދޫ، ދިރާގު، ބޭންކުތައް، އެސް.ޓީ.އޯ، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ.ގެ ޔުނީފޯމުއެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ (ޖީ-ބޯޑު ހަރުކޮށްފައިވާ) އުޅަނދުފަހަރާއި، ޑިޕްލޮމެޓިކް އުޅަނދު ފަހަރު
  • އެމްބިއުލަންސް،
  • ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޫކޮށްފައިވާ ޚާއްޞަ ސްޓިކަރ ޖަހައިފައިވާ އުޅަނދުތައް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މިރޭ 23:00އިން ފެށިގެން ހެނދުނު :006އަށް ފިހާރަތަކުން ދޭ ޚިދުމަތްތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ޢިމާރާތްކުރުމުގެ މަސައްކަތް ކުރުން ހުއްޓަލުމަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ.

މިރޭ 23:00އިން ފެށިގެން ހެނދުނު 6:00އަށް އަޅާ ފިޔަވަޅުތައް

  • މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ އެންމެހައި ފިހާރަތައް، ރޭގަނޑު 11:00އިން ހެނދުނު 6:00 އަށް ބަންދުކުރުން.
  • މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00އިން ފެށިގެން ހެނދުނު 6:00އަށް މެދުކަނޑާލުން.
  • މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިނގަމުންދާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 5:00އިން ފެށިގެން ހެނދުނު 6:00އަށް މެދުކަނޑާލުން.

މާލެ ސަރަހައްދަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ދިރިއެޅޭ ސަރައްހަދެވެ. މިސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދު އަންގަވާފައިވާ އެންގެވުން ތަންފީޒުކުރުމަށް ފުލުހުންނަށް ކުރަންޖެހުނު މާބޮޑު މަސައްކަތެއްނެތެވެ. އެންގުމަށް ނުކިޔަމަންތެރިވެ ބޭރަށް ނުކުތުމުގެ އުޅުނުމީހެއް މިއަދު ނެތޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ. މިއަދު މިދެއްކި ނަމޫނާގެ މަތީގައި ދެމިތިބުމަކީ މުހިންމުކަމެކެވެ.