ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީން ޓެސްޓްކުރި 3 ސާމްޕަލްވެސް ނެގެޓިވް


ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫ ސިޓީން ސާމްޕަލް ނަގައި ޓެސްޓްކުރި ތިން މީހުންގެ ނަތީޖާ ކޯވިޑަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އައްޑޫ ސިޓީން ސާމްޕަލް ނެގި 3 ދިވެހިންގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާކަމަށެވެ.

އައްޑޫ ސިޓީން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ހުރެގެން ޓެސްޓްކޮށްފައިވާ 3 މީހުންގެ ތެރެއިން އެކަކީ އިންޑިޔާގެ ކޮޗިން އިން ރާއްޖެއައި ދިވެއްސެއް ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިމީހާ ރާއްޖެއައި އިރުވެސް ހުންއައިސްފައި ހުރުމުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ޖެހިގެން އައިދުވަހު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އީއާރަށް ދިޔަކަމަށާއި އަދި އެވަގުތު އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ތިބީ ރައްކާތެރިވުމުގެގޮތުން ލާންޖެހޭ ހެދުމުގައި ނޫންކަމުން އެ ތިން މީހުން އައިސޮލޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅިކަމަށް އެޗްޕީއޭއިން މީގެކުރިންވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފެނިއްޖެނަމަ އެމީހަކު އެކަހެރިކުރެވި ކޯވިޑަށް ޓެސްޓްކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އަދި މިގޮތަށް އެކަހެރި ކުރެވޭ މީހުން ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.