ޚަބަރު

ކޯވިޑް-19 ޖެހިގެން އިޓަލީވިލާތުގައި މަރުވި މީހުންގެ ޢަދަދު 10,000އަށްވުރެ މައްޗަށް


ކޯވިޑް-19 ޖެހިގެން އިޓަލީވިލާތުގައި މަރުވި މީހުންގެ ޢަދަދު 10،000އަށްވުރެ އިތުރުވެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީވިލާތަށެވެ. އެޤައުމުގައި 92،000އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޯވިޑް-19 ޖެހިފައިވެއެވެ. ފާއިތުވީ ސައްވީސް ގަޑިއިރުގެ ތެރޭގައި ވައިރަހުގެ ސަބަބުން އެޤައުމުގައި 889 މީހުންވަނީ މަރުވެފައެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން އެންމެ ފުރަތަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅި ޤައުމުތަކުގެ ތެރޭގައި އިޓަލީވިލާތް ހިމެނެއެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށް އިޓަލީވިލާތްވަނީ އެއްކޮށް ބަންދުކޮށްފައެވެ. އެޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އަންނަ ހަފުތާގެ ތެރޭގައި ލުޔެއް ލިބޭނެކަމަށް ކުރިންވަނީ ބެލެވިފައެވެ. ނަމެވެސް މަރުވި މީހުންގެ ޢަދަދު އިތުރުވުމުން އިޓަލީވިލާތުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭނެކަމަކަށް ނުބެލެވެއެވެ.

އިޓަލީވިލާތުގެ ސިނާޢީ ދާއިރާތަކާބެހޭ ވަޒީރު ސްޓެފާނޯ ޕަޓުއަނެލީ ވިދާޅުވީ އެޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އޭޕްރިލް ތިނެއްގައި އުވާލަން ކުރިން މަސައްކަތްކުރެއްވިނަމަވެސް މިހާރުގެ ޙާލަތަށް ބަލާނަމަ އެއީ ވާނޭ ކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ކޮންމެ ދުވަހަކުވެސް އިޓަލީވިލާތުގައި ވައިރަސް ފެތުރޭ މިންވަރު ނޫސްވެރިންނަށް ޙިއްސާކުރައްވާ އިޓަލީވިލާތުގެ މަދަނީ ރައްކާތެރިކަމާބެހޭ އިސްވެރިޔާ އަންގެލޯ ބޮރެއްލީ ވިދާޅުވީ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ނާޅާ ދޫކޮށްލައިފިނަމަ މިހާރުގެ ޙާލަތަށްވުރެ މާބޮޑަށް ޤައުމުގެ ޙާލަތު ގޯސްވާނެކަމަށެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ގުސެއްޕެ ކޮންތޭވަނީ 5.24 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަމެއް ވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައެވެ. އޭނާވަނީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްޞަ ފަނޑެއް އެކުލަވާލުމަށް ވިލާތުގެ އިއްތިޙާދަށް ގޮވާލައްވާފައެވެ. މިހާރު ދިމާވެފައިވާ ޙާލަތަށް އެދެވޭ ފިޔަވަޅެއް ނޭޅުމަކީ ވިލާތުގެ އިއްތިޙާދަށް ހެދޭނެ ވަރަށްބޮޑު ގޯހެއްކަމަށް އޭނާ ވިދާޅުވިއެވެ.