ކޯވިޑް-19އާ ގުޅިގެން "ކޮމިއުނިޓީ ސްޕްރެޑް" ނުވަތަ މުޖުތަމަޢަށް ފެތުރެމުންދާ ޙާލަތަކަށް ރާއްޖޭގެ ހާލަތު އަދި ނުދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުން އައި ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވީކަމަށް ވީނަމަވެސް ރާއްޖޭގައި މިބަލި ފެތުރި ކަންބޮޑުވާ ޙާލާތަކަށް އަދި ނުދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. ބަލީގައި ފިޔަވަޅުއަޅާނެ އެކިއެކި ޙާލަތްތަކަށް ސަރުކަރުން ތައްޔާރުވެފައިވާއިރު މިޙާލަތުގައި ޢަމަލުކުރާނެ ގޮތްތަކަކަށްވެސް ސަރުކާރުން ތައްޔަރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ޙާލަތަށްވެސް ރާއްޖެ މިހާރު ތައްޔާރުވެފައިވާކަމަށެވެ. ރައްޖެއިން ބޭރުންއައި ދިވެއްސަކު އެކަހެރިކޮށް ނެގި ސާމްޕަލްތަކުން އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވުމަކީ މުޅި މުޖުތަމައަށް އެކަމުގެ ނުރައްކާ އޮތްކަމެއް ނޫންކަމަށެވެ. ސަބަބަކީ އޭނާއަކީ ރާއްޖޭގައި ހުރި މީހަކަށް ނުވެފައި، ބޭރުންއައި މީހަކަށްވުމުން އެރިސްކު މުޖުތަމައަށް ކުޑަކަމަށެވެ.
ކޯވިޑް-19 ރާއްޖޭގެ މުޖުތަމަޢުމް ފެނިއްޖެ ޙާލަތެއްގައި އަމަލުކުރާނެ ވަކި ގޮތްތަކަށް މިހާރު ތައްޔާރުވެފައިވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި އެޙާލަތުގައި ކަރަންޓީން ކުރުމާއި އައިސޮލޭޓް ކުރުމާއި ސާމްޕަލް ނެގުންވެސް ވަރަށްބޮޑަށް ތަފާތުވެގެންދާނެކަމަށެވެ.
މިކަމުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބަލި ރާއްޖެއަށް ނާންނާނެކަމަށް ބަލައިގެން ނޫންކަމަށެވެ. ބަލި ރާއްޖެއަށް އަތުވެދާނެކަމަށް ބަލައި، ބަލިހުރި މީހެއް ފެނިދާނެކަމަށް ބަލައި އެކަމަށް ސަރުކާރުނ ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރު ބަންދުކޮށް ސްކޫލްތަކާއި، ކޮލެޖް ޔުނިވަސިޓީ ބަންދުކޮށް ބޭރު މީހުންނަށް ރާއްޖެ ނާދެވޭގޮތަަށް ހަދާފައިވަނީވެސް މިކަމުން ރައްކާތެރިވުމަށް ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.