ޚަބަރު

ލުބުނާނަށް އަސްކަރީ އެހީދޭން މަޝްވަރާކޮށްފި


ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ޢުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނައާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންއާ ބައްދަލުކުރައްވައި އެ ޤައުމުތަކުން ލުބުނާނުގެ އަސްކަރިއްޔާއަށާއި ދާޚިލީ ސަލާމަތާ ބެހޭ ފައުޖަށް ވާގިވެރިވެވޭނެ ގޮތްތަކަ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށް ދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ ލުބުނާނުގެ އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކަށް ވާގިވެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ މަހާސިންތާއަކަށް ތައްޔާރުވުމުގެ ގޮތުން ސެޝަނެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ތިން ބޭފުޅުން ވެސް ވަނީ އެ ތިން ޤައުމުގެ ވެސް މަސްލަހަތު ހިމެނޭ ދާއިރާތަކުގައި އެކުގައި މަސައްކަތްކޮށް ކަންކަން ވިލަރެސް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އަދި ލުބުނާނުގެ އަސްކަރިއްޔާއަށާއި ސަލާމަތީ ބާރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޢަޤަބާ ޕްރޮސެސްގެ ބައްދަލުވުންތަކުގެ އައު ބުރެއް ފަރަންސޭސިވިލާތުން ބޭއްވުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފައިވެއެވެ. ޢުރުދުންގެ އަބްދުالله ރަސްގެފާނުގެ އިސް ނެންގެވުމަށް 2015ވަނަ އަހަރު ބާއްވަން ފެށި ޢަޤަބާ ޕްރޮސެސްގެ ބޭނުމަކީ ޤައުމުތަކުގެ މެދުގައި ކަންކަން ވިލަރެސްކުރުން ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުން އިތުރުކޮށް، ނިރުބަވެރިކަމާއި ހައްދުފަހަނައަޅައި ދިޔުމާ ދެކޮޅަށް މަސައްކަތްކޮށް ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބައިވެރިންގެ މެދުގައި މަޢުލޫމާތު ޙިއްޞާ ކުރުމެވެ. ކުރިއަށް އޮތް ބައްދަލުވުން ޚާއްޞަ ކުރަނީ ލުބުނާނުގެ ޙާލަަތަށެވެ.

ތިން ލީޑަރުންގެ ބައްދަލުވުމުގައި ސަރަޙައްދީ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ. އެ ގޮތުން ޣައްޒާއާއި ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އިތުރުން އިރުމަތީ ޤުދުސްއާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ. ޙާލަތު އިތުރަށް ގޯސްވިޔަ ނުދީ ދެމެހެއްޓުމަށް ބައިނަލްްއަޤްވާމީ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަމަށް ވެސް އެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.

ޢޫން ވަނީ މެޙްރޮންއާ ވަކިން ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޔަހޫދީން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ. އެ މަސައްކަތުގެ ދަށުން ލުބުނާންއާއި އެމެރިކާއާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ. އޭގެ އިތުރުން ލުބުނާނުގައި މިހާރު ޙަރަކާތްތެރިވަމުންދާ އދގެ ފައުޖު، ޔޫއެން އިންޓެރިމް ފޯސް އިން ލެބަނޮން، ލުބުނާނުގައި ޙަރަކާތްތެރިވާ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވުމުން ވިލާތުގެ ފައުޖެއް އެ ޤައުމަށް ފޮނުުވުމަށް މެޚްރޮންއާއި އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔާ މެލޮނީއާ ދެ ބޭފުޅުން އިސްނަންގަވައިގެން ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ޢޫން ވަނީ މަރުހަބާ ކިޔުއްވައިފައެވެ.