މާލެ ސަރަހައްދުގައި މިއަދު ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވި ކަމުގައި ވީނަމަވެސް ކ ހިއްމަފުށީގައި މިއަދުކުރެވޭ ހުކުރު ނަމާދުގެ ޕީއެސްއެމްގެ ޗެނަލްތަކުން ދުރަށް ދައްކާނެއެވެ.
ކ ހިއްމަފުށީ މަސްޖިދުލް އިނާރާގައި މިއަދު ކުރެވޭ ހުކުރު ނަމާދު ގެ ލައިވްފީޑް ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށްވެސް ޕީއެސްއެމުން ދޫކުރާނެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ" މި މައުޟޫއެވެ. މަސްޖިދުލް އިނާރާގައި އިމާމްވެ ހުކުރު ނަމާދުކުރައްވާނީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޙް އިބްރާހިމް ރަޝީދު ޙަސަންއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ނިންމަވާފައެވެ. އަދި މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ވަގުތު ވަނުމުން ގޭގައި ހަތަރު ރަކުއަތް ނަމާދު ކުރުމަށް ވަނީ އަންގަވާފައެވެ.
މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ޖަމާއަުގައި ނުކުރި ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރުން އޮންނާނެއެވެ.