ކޯވިޑް-19ގެ މިހާރުގެ ޙާލަތާއި ގުޅޭގޮތުން ސާކް ޤައުމުތަކުގެ ޞިއްޙީ ދާއިރާގެ އިސްބޭފުޅުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކުރައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސާކްގެ 8 ޤައުމުގެ ޞިއްޙީ ދާއިރާގެ އިސްބޭފުޅުންވަނީ ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުގެ މިވަގުތުގެ ޙާލަތާއި މިޙާތަލުން އަރައި ގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެޑައިގެންފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން 8 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 5 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ސާކްގެ ޤައުމުތަކުގެ ތެރެއިން މިބަލި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދަނީ ޕާކިސްތާނުގައެވެ. ޕާކިސްތާނުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު 8 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. ބަލި ފެތެރެމުންދާ ޤައުމުތަކުގެ ތެރެއިން އިންޑިޔާގައިވެސް މިބަލި ހަލުވިކަމާއިއެކު ދަނީ ފެތުރެމުންނެވެ. މިހާތަނަށް 700 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 14 މީހަކު އިންޑިޔާއިން މިބަލީގައި ވަނީ މަރުވެފައެވެ.
ސާކް ޤައުމުތަކުގެ ވެރިން ދާދިފަހުން ވަނީ ވީޑިއޯ ކޮންފަންސެއްވެސް ބާއްވާފައެވެ. މިކޮންފަރެންސްގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމުތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަިއ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.