ޚަބަރު

ކޯވިޑް-19 : 8 މީހުން ބަލިން ރަނގަޅުވެފައިވާކަން ރައީސް ހާމަކުރައްވައިފި


ކޯވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 8 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑް 19 އާއިގުޅޭގޮތުން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައި ވަނީ 13 މީހަކަމަށް ކަމަށެވެ. މީގެ ތެރެއިން މިހާތަނަށް 8 މީހަކު ބަލިން މުޅި ރަނގަޅުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް 19 އިން ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުންދަނީ 5 މީހަކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ، ރައީސްޖުލްހޫރިއްޔާ ވިދާޅުވީ މިނަތީޖާއާއިއެކު އެއްވެސް ރައްޔިތަކު ފަރުވާކުޑަނުކޮށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލެބުމަކީ މިދަނޑިވަޅުގައި ވަރަށް މުހިންމުކަމެއްކަމަށެވެ.

ސަރުކާރުންނާއި ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ކުރައްވަމުންދާ މަސައްކަތަކީ ބަލި ކޮންޓްރޯކޮށް ރާއްޖޭގެ ރައްޔިތުން މިބަލިން ސަލާމަތްކުރުންކަމަށެވެ. ކޯވިޑް 19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިވްވެފައިވާ 13 މީހުންނަކީވެސް ބޭރުމީހުން ކަމަށެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން، ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން، ކުރަމަތި މޯލްޑިވްސްއިން 2 މީހުން، ސަފާރީއަކުން 2 މީހުން، އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.