ޚަބަރު

މާލީ އެހީތެރިކަމުގެ ޕެކޭޖުގެ ދަށުން ކުދި ވިޔަފާރިތަކުން ލޯނަށް އެދެން އަންނަ ހަފްތާގައި ހުޅުވާލާނެ - ރައީސް


ކޮވިޑް-19 އާއި ގުޅިގެން ގެއްލުން ލިބޭ ކުދި ވިޔަފާރިތަކުން ލޯނަށް އެދިހުށަހެޅުމަށް އަންނަ ހަފްތާގައި ހުޅުވާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދަޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އާންމުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރުން ކަޑައަޅާފައިވާ އިޤްތިސާދީ އެހީތެރިކަމުގެ ޕެކޭޖުގެ ދަށުން މިއަންނަ ހަފްތާގައި ބެންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޑީއެފްސީއިން ކުދި ވިޔަފާރިތަކަށް ލޯނަށް އެދިހުށަހެޅުމަށް އަންނަ ހަފްތާގައި އިއުލާންކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ކުރިންދެންނެވި މާލީ ލުއިތަކުގެ އިތުރުން ސަރުކާރުން މިހާރު ވަނީ 2.5 ބިލިއަން ރުފިޔާގެ އިޤްތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް އެކުލަވާލާފައި. ކޯވިޑް-19 އާއި ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލްއާއި، އެސްޑީއެފްސީން ލޯނު ދޫކުރުމަށް އަންނަނީ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ މިލޯނުތަކަށް އެދިހުށަހެޅުމަށް އަންނަ ހަފްތާގައި އިއުލާންކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ ކޭޝްފްލޯގެ ދަތިކަން ހައްލުކުރުމަށް 2.5 ބިލިއަން ރުފިޔާގެ އިޤްތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް ތައާރަފްކުރާނެކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މިޕެކޭޖްގެ ދަށުން 2 ބިލިއަން ރުފިޔާއާހަމައަށް ލޯނު ދޫކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިލޯނުތަކަކީ ކުދި ވިޔަފާރިތަކަށް އެހީވުމަށް ދޫކުރެވޭ ލޯނުތަކެކެވެ. މިލޯނު ދޫކުރާނީ %6ގެ އިންޓްރެސްޓް ރޭޓަކާއިއެކު 3 އަހަރުދުވަހުން ދައްކާގޮތަށް، 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑެއް ދިނުމަށްފަހުގައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތަށް 6 މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމަށް އެބޭންކުން ވަނީ ނިންމާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ރިޒޯޓު ގެސްޓް ހައުސްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބީއެމްއެލްގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޭން ނިންމާފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ދަނޑުވެރިންނަށް އެސްޑީއެފްސީއިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް މާޗުމަހުން ފެށިގެން ދައްކަންޖެހެ ފައިސާ މިހާރު ވަނީ ހަމަސް ދުވަހަށް ވެސް ވަނީ ފަސްކޮށްދީފައެވެ.

މީގެއިތުރުން ރައީސްގެ ޕްރެސްކޮންފަރެންސްގައި ވަނީ ޢާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މިޕެކޭޖުގެދަށުން ކަރަންޓާއި ފެން ބިލަށް 300 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އަދި އެޗްޑީއެފްސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަށް މާޗުމަހުން ފެށިގެން ދައްކަން ޖެހޭ ފައިސާވެސް މިހާރުވަނީ ހަމަސްދުވަހަށް ފަސްކުރެވިފައި ރައީސުލްޖުމުހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފައެވެ.