ޚަބަރު

ކޯވިޑް-19 : އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން


ކޯވިޑް-19އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި، ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިޢުލާން ކުރުމާގުޅިގެން ދުނިޔޭގެ ޤައުމުތަކުންވަނީ މި ބަލިމަޑުކަމުން ސަލާމަތްވުމަށް މުހިންމު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ފިޔަވަޅުތަކަކީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނުވި ކަމެކެވެ. ވައިރަސް ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުގައި ދަނީ ކާފިއު އިއުލާންކޮށް، ޢާއްމުން ގޭގެއިން ނުކުތުން މަނާކުރަމުންނެވެ. ވީހާވެސްބޮޑަށް އިޖްތިމާއީ ގައިދުރުކަމުގައި ތިބުމަށް ޤައުމުތަކުން ދަނީ ރައްޔިތުންނަށް ބާރުއަޅަމުންނެވެ.

އެހެންކަމުން މިޙާލަތުގައި ކުރެވޭނެ ކަންތައްތަކާމެދު ވިސްނާލުން މުހިންމެވެ. އެހެންކަމުން އިޖްތިމާއީ ގައިދުރުކުރުމަށް ޢަމަލްކުރާއިރު ކުރެވޭނެ ކަންތައްތައް މައްޗަށް ބަލާލަމާ ހިނގާށެވެ.

ޢާއްމުކޮށް ގެއަށް ބޭނުންވާ ތަކެތި ގަންނަން ފިހާރަތަކަށް ދެވޭނެތަ؟

ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ގަތުމަށް ފިހާރައަށް ދިއުމަކީ ޒަރޫރީ ކަމެކެވެ. އެހެންނަމަވެސް މިދުވަސްވަރު މިކަން ކުރަން ކޮންމެ ގެއަކުންވެސް އެކަކު ކަނޑައެޅުން ބުއްދިވެރިއެވެ. އަދި ބޭނުންވާ ހުރިހާ އެއްޗެއްގެ ލިސްޓެއް ދުރާލައި ހަދާލައި ތާވަލެއްގެ މަތިން ކޮންމެސް އެއްދުވަހަކު މިކަން ކުރުން ރަގަނޅެވެ.

ގަންނަ ތަކެތި ގެއަށް ގެނައުމަށްފަހު އެއެއްޗެތި ގެންނަ ކޮތަޅު ރީޔޫސަބަލްނަމަ ދޮވެލާށެވެ. ނުވަތަ އެއްލައިލާށެވެ. މޭވާ އާއި ތަރުކާރި ވަރަށް ރަގަނޅަށް ދޮންނަން ވާނެއެވެ. ބޭރަށް ދާމީހާ ގެއަށް އައިސް އެންމެ ރަގަނޅީ އަތް ދޮވުން ނުވަތަ ރަގަނޅަށް ފެންވަރާލުމެވެ.

ބޭރުން ކާތަކެތި އޯޑަރ ކުރެވިދާނެތަ؟

މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހޯދި އެއްވެސް ހޯދުމަކުން ކާބޯތަކެތީގެ ޒަރިއްޔާއިން ކޯވިޑް-19 ފެތުރޭކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ތަކެތި ގެންނައިރު ހުންނަ ކޮތަޅު ނުވަތަ ޕާރުސަލްގައި އަތްލުމަށްފަހު ރަގަނޅަށް އަތް ދޮންނަން ވާނެއެވެ. ތަކެތި ގެންނައިރު، ފައިސާ ދެއްކުމަށް ނޫޓު ބޭނުންކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކުމަކީވެސް ބުއްދިވެރިކަމކެވެ.

ޢާންމު ދަތުރު ފަތުރުގެ ނިޒާމު ބޭނުންކުރެވިދާނެތަ؟

މިޙާލަތުގައިވެސް ކޮންމެހެން މަސައްކަތަށް ނުކުންނަން ޖެހޭ މީހުން ކޮންމެ ޤައުމެއްގައިވެސް ތިބޭނެއެވެ. މިފަދަ މީހުން ބަސް، ޓެކްސީ ފަދަ ތަކެތީގައި ދަތުރުކުރާނަމަ އަބަދުވެސް "ޑިސްއިންފެކްޓަންޓް ވައިޕްސް" ބޭނުންކޮށް އިޝީންނަ ގޮނޑީގެ އަތްލެވޭ ތަންތަން ސާފުކޮށްލުން ރަގަނޅެވެ. މިޚިދުމަތްތައް ހޯދާ ފަރާތްތަކުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކޮށްފިނަމަ އަތް ދޮވުމަށް ނުވަތަ ސެނެޓައިޒްކުރުމަށް ހަނދާން ކުރަންޖެހެއެވެ.

ވަޒީފާއަށް ދާނަމަ އަމިއްލަ ރައްކާތެރިކަމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބާ؟

ވީހާވެސް ގިނައިން އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑުގައި ދެމިހުރުންނަށްވާނެއެވެ. އޮފީހުގައި އުޅޭއިރުވެސް މީހުންނާ އަތާ އަތްޖޯޑުކޮށް ސަލާންކުރުން ފަދަ ކަންކަން ނުކުރުން ބުއްދިވެރިއެވެ. ގިނަ ގިނައިން އަތް ދޮންނަންވާނެއެވެ. ތަންތަނުގައި އަތްލައިފިނަމަ މޫނުގައި އަތްނުލާން ހަނދާން ބަހައްޓަންވާނެއެވެ. އުޅޭ ވަޒީފާގެ ގޮތުން މާސްކު، ގްލޮވްސް ބޭނުންކުރަން ޖެހޭނަމަ މިތަކެތި ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ.

މާސްކު އަޅަން ޖެހޭތަ؟

ޢާއްމު އުސޫލުން ކޮންމެހެން މާސްކް އަޅާކަށްނުޖެހެއެވެ. ކޮންމެ ހެން މާސްކް އަލަންޖެހޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނައި ބަލި މީހުންނެވެ. ސިއްޙީ ދާއިރާއާއި ޚިދުމަތްދޭ ތަންތަނުގައި ތިބޭ މީހުން މާސްކު އަޅަނީ އެމީހުން ކޮންމެދުވަހަކު އެތަށް ބަޔަކާ ދިމާވާތީ، އެހެންމީހުންގެ ކިބައިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށެވެ.

ބަލި މީހުން މާސްކު އަޅަންޖެހެނީ ނޭފަތާއި އަނގައިން ނުކުންނަ ކުޅުތިކިތަށް ތަންތަނުގައި ތަތްވެ، މީހުންގެ މޫނާއި އަތާ ތަންތަނަށް ބުރާނެތީ އެކަން ހުއްޓުވުމުގެގޮތުންނެވެ.

ކަސްރަތު ކުރެވިދާނެތަ؟

ގޭގައި ކަސްރަތު ކުރެވިދާނެއެވެ. މިހާރު އިންޓަރނެޓްގެ ޒަރިއްޔާއިން އެކި ވީޑިއޯތައް ބަލައިގެން ކުރެވޭނެ ވަރަށްގިނަ ކަސްރަތުތައް ހުރެއެވެ. އެހެންނަމަވެސް ޖިމްތަކަށާއި، ބޭރުތެރެއަށް ދިއުން އެއީ އެއްވެސް ވަރަކަށް ބުއްދިވެރިކަމެއް ނޫނެވެ.

ޑޮކްޓަރަށް ދައްކަން ދެވިދާނެތަ؟

އެންމެ ރަގަނޅުގޮތަކީ ސީރިއަސްކަމެއް ދިމާވެގެން ނޫނީ އެއްގޮތަކަށްވެސް މިދުވަސްވަރު ހޮސްޕިޓަލަށް ނުދިއުމެވެ. ކޯވިޑް-19ގެ ޢަލާމަތްތައް ހުރިނަމަ މިކަމަށް ކަޑައެޅިފައިވާ ފޯން ނަންބަރުތަކަށް ގުޅައި މަޢުލޫމާތު ސާފުކުރާށެވެ. އަދި އެފަރާތުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާށެވެ.

ބައެއް ހޮސްޕިޓަލްތަކުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މިފަދަ ހިދުމަތްތައްވެސް ހޯދިދާނެއެވެ.

އާއިލާ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތްކުރެވިދާނެތަ؟

ކާފިއު ޢިއުލާންކުރުން ނުވަތަ ލޮންޑައުންކުރުމުގެ މާނައަކީ މިމުއްދަތުގައި އެމީހަކު ގޭގައި ނުނުކުމެ މަޑުކުރުމެވެ. މިއީ ޗުއްޓީއެއް ނޫނެވެ. ޢާއިލާއާއި ރައްޓެހިންނަށް ޒިޔާރަތްކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ.
މިއީ ބައްދަލުވުންތަކާއި ބާބަކިއުތަކާއި ޕިކްނިކް ދަތުރާއި ޕާޓީ ބާއްވުން ނުރައްކާތެރި ޙާލަތެކެވެ. އިޖްތިމާއީ ގައިދުރުކަން ދަމަހައްޓާށެވެ.
ނަމަވެސް ދުރިގައިވާ އާއިލާގެ މީހުންނާއި ރައްޓެހިންނާއި ފޯނުން ގުޅުމާއި ވީޑިއޯ ކޯލްކުރުމާއި ސްކައިޕްކޮށްހެދުމަކީ ކުރެވިދާނެ ރަނގަޅުކަމެކެވެ.

ކުޑަކުދިން އެއްގެއިން އަނެއްގެޔަށް ގެންދެވިދާނެތަ؟

ކުޑަކުދިން އެއްތަނެއްގައި އެއްވެސް ވަރަކަށް ބޭރަށް ނުގެންގޮސް ބޭތިއްބުން ވަރަށް ދަތިކަމެކެވެ. ނަމަވެސް މިޙާލަތުގައި އެކުދިން އެއްގޮތަކަށްވެސް ބޭރަށް ނެރެގެން ނުވާނެއެވެ. ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑު އެއްބަޔަކީ ކުޑަކުދިންނެވެ.
ގޭގައި ކުދިން ފޫހިނުވެ ބޭތިއްބުމަށް ޚާއްސަ ޝެޑިއުލެއްހަދައި، އެކި ކަންކަމުގައި ކުދިން ޝަމިލް ކުރުވާށެވެ. މިއީ ގޭގައި އެކުދިންނަށް އެކި ކަންކަން ދަސްކޮށްދެވިދާނެ ދަނޑިވަޅެކެވެ.

އަމިއްލަ ދަރިފުޅާއި އިޖްތިމާއީ ގައިދުރުކަން ދަމަހައްތަން ޖެހޭތަ؟

ކޮންމެހެން ނުޖެހެއެވެ. އެހެންނަމަވެސް ތިމާއާއި ދަރިފުޅުގެ ސާފުތާހިރުކަމަށް ވަރަށްބޮޑު ސަލާމުކަމެއް ދޭންވާނެއެވެ. ދަރިފުޅު ނުވަތަ ބެލެނިވެރިޔާގެ ކިބައިން ކޯވިޑް-19ގެ ޢަލާމަތެއް ފެނިއްޖެނަމަ އަވަހަށް ފިޔަވަޅު އަޅުއްވާށެވެ. ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރައްވާށެވެ. އިޖްތިމާއީ ގައިދުރުކަން ދަމަހައްޓާށެވެ. މަންމަ ނުވަތަ ބައްފަގެ ނުވަތަ ބެލެނިވެރިއެއްގެ ކިބައިން މިބަލީގެ މިޢަލާމަތެއް ފެނިއްޖެނަމަ ދަރިންނާވެސް އަދި އެހެން މީހަކާވެސް ކައަރިނުވާށެވެ.

އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަންވީ ކިހާ ދުވަހެއް ވަންދެން؟

ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މުދަތަކަށް އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަންޖެހެއެވެ. ކޮވިޑް-19ގެ ކަންކަން އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މިވައިރަސް ކޮންޓްރޯލްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ ވައިރަސް ޖެހިފައިވާ މީހުންނާއި ވައިރަސް ނުޖެހޭ މީހުންނާއި ބައްދަލުނުވުމެވެ އެއީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނީ މިހެން ހަދައިގެންނެވެ.

ކޮވިޑް-19ގެ ސަބަބުން ޢާންމު ދިރިއުޅުން މިވަނީ މުޅިދުނިޔޭގެ ހުރިހާ ޤައުމެއްގައިހެން ބަދަލުވެފައެވެ. މިވައިރަހަކީ ވަކި ބޭހެއް، ވެކްސިންއެއް ހޯދިފައިނުވާ ވައިރަސްއެއްކަމުން މިކަން ކޮންޓްރޯލްކުރެވޭނީ ފެތުރުން ހުއްޓުވައިގެންނެވެ.

މިކަމުގެ އެންމެބޮޑު ޒިންމާއެއް އޮތީ އާންމުންނަށެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލަނބައި ޓީވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ސައްހަ މައުލޫމާތުދަށް ހޯއްދަވާށެވެ. އަމިއްލައަށް މަޢުލޫމަތު މުއްސަދި ކުރައްވާށެވެ. މިވައިރަސްއަކީ ވަރަށް ފަސޭހައިން ބާރަށް ފެތުރެމުންދާ ނުރައްކާތެރި ވައިރަސްއެއްކަން ހަނދާން ނައްލާނުލާށެވެ.