ޚަބަރު

ކޯވިޑް-19: ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކާއި ގުޅޭ މައުލޫމާތު ޕާކިސްތާނާ ހިއްސާކުރައްވައިފި


ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ގުޅޭގޮތުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރާއި، މިނިސްޓަރ ޝާހިދު މައުލޫމާތު ހިއްސާކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ އިޤްތިޞާދެއް އޮތް ޤައުމަކަށްވާއިރު ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުތަކާއި ކުރިމަތިވާނެ ގޮންޖެހުންތަކުގެ މައުލޫމާތުވަނީ ހިއްސާ ކުރައްވާފައެވެ.

ދުނިޔޭގައި އަދި ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފް ކުރައްވާފައެވެ. މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ޚާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ދާދިފަހުން ސާކް ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވި ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިފަންޑަށް ރާއްޖެއިން 2 ލައްކަ ޑޮލަރު ފޯރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފާހަގަކުރައްވައި، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން 5 މިލިއަން ޑޮލަރު ކޯވިޑް-19 އާއި ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.