ޚަބަރު

ރަނގަޅުވި ދެމީހުން ދޫކޮށްލާނީ 30 ދުވަހުގެ ކަރަންޓީނަށްފަހު


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި ދެމީހުން ދޫކޮށްލާނީ ޖުމްލަ ތިރީސް ދުވަހު ކަރަންޓީން ކުރުމަށްފަހު ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެގޮތުން މިހާތަނަށް އެމީހުން ކަރަންޓީންގައި 14 ދުވަސް ފުރިހަމަ ކޮށްފައިވާ ކަމަށާއި، އިތުރަށް 16 ދުވަސްވަންދެން ކަރަންޓީންގައި ބޭތިއްބުމަށް ހަމަޖެހިފައިވާ ކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތު ހާމަކޮށްދެއްވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒު ވިދާޅުވީ މިއަދަކީ މިބައްޔާދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މިޢަދަކީ ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނު ދުވަހެއްކަށެވެ. ކޯވިޑް ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން އެންމެ ޙާލުސީރިއަސްވި މީހާ ރަނގަޅުވުމަކީ މިބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއްކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ބަލިން ރަނގަޅުވި 2 މީހުންވެސް ދޫކޮށްލާނީ 30 ދުވަހުގެ ކަރަންޓީގެ މަރުހަލާ ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުނަނުދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އައިސޮލޭޝަން ފެސިލިޓީސްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި މިވަގުތު ތިބިމީހުންގެ ތަފްސީލްވެސް މަބުރޫކްވަނީ ދެއްވާފައެވެ.

އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން

  • ވިލިވަރު - 28 މީހުން
  • ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 120 މީހުން
  • ފަރުކޮޅުފުށި - 0
  • ޑީއެެޗް 11 - 3 މީހުން
  • ވެލިދޫ - 15 މީހުން
  • ފަން އައިލެންޑް - 59 މީހުން

މަބުރޫކް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުންދާ މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މިކަމުގައި ޑޮކްޓަރުންގެ ޓީމުން ކުރައްވަމުންދާ މަސައްކަތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.