ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރުން ރާއްޖެއަށް 5 ޓަނުގެ ބޭސް ހަދިޔާކޮށްފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރާއްޖެއަށް އަވަށްޓެރި ގިނަ ޤައުމުތަކުގެ އެހީތެރިކަން ލިބެމުންދާކަމަށެވެ.
މަބްރޫކް ވިދާޅުވިގޮތުގައި މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޤައުމުތަކުގެ ތެރެއިން އަވަށްޓެރި އިންޑިޔާ ސަރުކާރުން ރާއްޖެއަށް 53 ވައްތަރެއްގެ 5 ޓަނުގެ ބޭސް ހަދިޔާކޮށްފައިވެއެވެ. އަދި އިންޑިޔާއިން މެޑިކަލްޓީމެއްވެސް މިމަހުގެ 13ވަނަ ދުވަހު ރާއްޖެއަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖަޕާން ސަރުކާރުން 9000 ސާޖިކަލް މާސް ހަދިޔާކޮށްފައިވާކަމަށާ، ފްރަންޓްލައިން މަސައްކަތްކުރާ މުވައްޒިފުންނަށް ބޭނުންވާ 470 ބޫޓާއި، 485 ކަވަރ ރޯލްއާއި، 400 އަންގި އެމަރިކާއިން ހަދިޔާކޮށްފައިވާކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ.
ކޯވިޑް-19އަކީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔަކަށްވާއިރު ބަލިން ރައްކާތެރިވެ ސަލާމަތްވުމަށްޓަކައި އެއްޤައުމުން އަނެއް ޤައުމަށް ތަފާތު އެކި އެހީތެރިކަން ދަނީ ފޯރުކޮށް ދެއްވަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ ބައެއް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖެއިންވަނީ ޗައިނާއަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށާއި، އެއްޤައުމު އަނެއްޤައުމަށް އެހީތެރިވުމާގުޅޭގޮތުން ސާކްގެ ޤައުމުތަކުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާގުޅޭގޮތުން ޤައުމުތަކުގެ ވެރިންވަނީ މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށްކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަމަށެވެ.