ކޯވިޑް-19 އާއި ގުޅިގެން، ދެ ހަރަމްފުޅު ފިޔަވައި ސައޫދީ އަރަބިއްޔާގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގެ ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ސައޫދީ ސަރުކާރުން ނިންމައިފިއެވެ.
ސައޫދީއަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވާ ގޮތުގައި، ހުކުރު ނަމާދު ހިމެނޭގޮތުން ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލަށް ނިންމާފައި ވަނީ، ހަރަމްފުޅާއި މަސްޖިދުލްނަބަވީ ފިޔަވައި ސައޫދީ އަރަބިއްޔާގެ އެހެން ހުރިހާ މިސްކިތްތަކެއްގައެވެ.
ދެހަރަމްފުޅުގައި ނަމާދުކުރުން ހުއްޓާނުލައި، ހަރަމްފުޅާއި ނަބިއްޔާގެ މިސްކިތް ޑިސްއިންފެކްޓް ކުރުމަށް ސައޫދީ ސަރުކާރުން ޚާއްސަ މަސައްކަތްތައް ކުރަމުން ގެންދެއެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިދިޔަ ހަފްތާގައި ސައޫދީގައި ވަނީ ހުކުރު ނަމާދުވެސް 15 މިނިޓަށް ކުރުކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ދެހަރަމްފުޅު ފިޔަވައި ސައޫދީގެ އެހެން މިސްކިތްތައް ބަންދުކުރި އިރު، މީގެ ކުރިން ސައޫދީ ސަރުކާރުން ވަނީ އެޤައުމުގެ ޝޮޕިންގ މޯލްތައް ބަންދުކޮށް، ރެސްޓޯރެންޓްތަކުގައި ތިބެ ކެއިން ބުއިންވެސް މަނާކޮށްފައެެވެ. އަދި އެޤައުމަށް 39 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައި ވާއިރު، މީގެ ކުރިން ވަނީ ބޭރު ޤައުމުތަކުން އެޤައުމަށް އުމުރާގެ އަޅުކަމަށް މީހުން އައުންވެސް މަނާކޮށްފައެވެ.
ސައޫދީ އަރަބިއްޔާއިން މިހާތަނަށް 133 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި 6 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު 127 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. ފާއިތުވި 24 ގަޑިއިރު ސަޢޫދީން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.