ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަންނާނުންނަށް މާލީގޮތުން ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ސަބަބުން އެކި ސިނާއަތްތަކަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. އެއްގޮތުން ރާއްޖޭގެ ފަންނާނުންގެ މަސައްކަތަށްވެސް މިވަނީ މިކަމުގެ ސަބަބުން ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ރާއްޖޭގެ ގިނަ މިއުޒިކީ ފަންނާނުންނަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކަކީ ރިސޯޓް މިއުޒިކާއި ޝޯވްތައް ކަމަށްވާއިރު ކޯވިޑް-19ގެ ސަބަބުން މިވަނީ މިފަދަ ޙަރަކާތްތައް ހުއްޓިފައެވެ.
މީގެ ސަބަބުން މިއުޒިކީ ފަންނާނުންގެ އިތުރުން ރިސޯޓުތަކާއި މާލޭގައި ބާއްވާ އިވެންޓުތަކުގެ ފޮޓޯގްރަފީ އާއި ވީޑިއޯ ގްރަފީގެ މަސައްކަތް ކުރާ ފަރާތްތަކަށާއި އިވެންޓް މެނޭޖްކުރާ ފަރާތްތަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މިފަދަ ފަންނާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މަޢުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންގެންދަވާ ކަމަށެވެ. މިނިސްޓަރ ވަނީ މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވަނީ މި ވަގުތަކީ މިޔުޒިޝަނުންގެ ޖަމްޢިއްޔާއެއް އޮތުމުގެ މުހިންމުކަން އިތުރަށް އިހުސާސް ކުރެވޭ ވަގުތެއްކަން ފާހަގަ ކުރައްވައި މި ކަމަށް މަސައްކަތް ކުރެވިދާނެތޯ ޓްވިޓަރގައި ސުވާލުވެސް އުފައްދަވާފައެވެ.
އަރޓްސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިސްމާއިލް ނާއިލް ވިދާޅުވީ ފަންނާނުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް އެ މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އަރޓިސްޓުންނާއި މުއާމަލާތްކުރުމަށް ބޭނުންވާނެތީ ހުރިހާ ފަންނާނުންވެސް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްގައި ރަޖިސްޓްރީ ވެފައި ވުމަކީ މިކަމަށް މަގުފަހިވާނެކަމެއް ކަމުގައި ނާއިލް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ފަންނާނުންނަށް އެހީތެރިވުމަށް ކުރެވޭނެ ކަންތައްތައް ހާމަކުރާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.