ރާއްޖޭގައި މިވަގުތު އޮތް ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން، ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބު ފަސްކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރައި ގެންގޮސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ހައިކޯޓަށް މައްސަލަ ހުށަހެޅިދުވަހު އެމައްސަލަ އަނބުރާ ގެންގޮސްފައިވާކަމަށެވެ. މައްސަލަ ގެންދިޔައީ ޤާނޫނީ ގޮތުން ދުސްތޫރީ ހުސްކަމަކަށް ދަތީ އެމައްސަލަ ހިމަނަައި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އިއްޔެގެ ވަގުތެއްގައި މިމައްސަލަ ސްޕްރީމްކޯޓަށް ހުށަހަޅާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބު ޤާނޫނުގައި ބުނެފައިވާ މުއްދަތުގެތެރޭގައި އާ ކައުންސިލެއް އިންތިޚާބް ނުކުރެވޭ ހާލަތެއްގައި ޤައުމު ދުސްތޫރީ ހުސްކަމަކަށް އަތުވެދާނެތީ އެކަން ސާފުވެފައި އޮތުމަކީ މުހިންމުކަމެއްކަމަށްވެސް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ އަންނަ މަހުގެ 4ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާގުޅިގެން އިންތިޚާބްވަނީ އަންނަ މަހުގެ 18ވަނަ ދުވަހަށް ފަސްކޮށްފައެވެ. ނަމަވެސް މިޙާލަތު ދެމިގެންދާނެ ސީދާ މުއްދަތެއް ސާފު ނުވަތީ އިންތިޚާބު ލަސްކުރުމަށް ކޯޓް އަމުރަކަށް އެދުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޤާނޫނުގައި ބުނާ ގޮތުން އިންތިޚާބް ފަސްކުރެވޭނީ ޤައުމަށް 2 ހާލަތެއް މެދުވެރިވެގެންނެވެ. އޭގެތެރެއިން އެއްހާލަތަކީ ޞިއްޙީގޮތުން ޤައުމަށް ދިމާވާ ކަމަކާ ގުޅިގެން އިންތިޚާބް ފަސްކުރަންޖެހުމެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މިޙާލަތުގައި މީހުން ގިނައިން އެއްވާ އެއްވުންތައް ނުބާއްވައި، އެފަދަ ޙާރަކާތްތައް ނުހިންގުމަށްވެސް ކަމާއިބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.