ކޯވިޑް-19ގެ ސަބަބުން ޔޫރަޕުގެ މާކެޓަށް އެކްސްޕޯޓްކުރާ މަހުގެ އަދަދު ދަށްވެއްޖެއެވެ.
މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުގެ ސަބަބުން މުޅި ދުނިޔެއަށްވެސް ވަނީ އިޤްތިޞާދީގޮތުން ބޮޑު ހީނަރުކަމެއް އައިސްފައެވެ. މިއާއެކު ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައްވެސް ވަނީ މަދުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޔޫރަޕްގެ މާކެޓަށް މަސް އެކްސްޕޯޓްކުރާ ހޮރައިޒަން ފިޝަރީޒްއިން ބުނީ އެ ކުންފުނިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓްކުރާ ޕައުޗުގެ ޑިމާންޑް ދަށްވެފައިވާކަމަށެވެ. ނަމަވެސް ދަޅުގައި ބަންދުކުރާ މަހުގެ ޑިމާންޑް މަތިވެފައިވާކަމަށް ހޮރައިޒަން ފިޝަރީޒްއިން ބުނެއެވެ.
ހޮރައިޒަން ފިޝަރީޒްއިން ބުނީ ޕައުޗުގައި ބަންދުކުރި މަހުގެ ޑިމާންޑް ދަށްވެފައިވަނީ ބޭރުގެ މާކެޓުން އާންމުގޮތެއްގައި ޕައުޗުގައި ބަންދުކުރާ މަސް ބޭނުންކުރަނީ މުވައްޒަފުންނަށްދޭ ކެއުންތައް ތައްޔާރުކުރުމަށްކަމަށެވެ. ނަމަވެސް ކޯވިޑް-19 ފެތުރެމުންދާ ބައެއް ޤައުމުތަކުގައި މި ވައިރަހުން ރައްކާތެރިވުމަށްޓަކައި އޮފީސްތަކަށް މުވައްޒަފުން ދިއުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ރާޢްޖޭގައި މަސް ބަންދުކޮށް އެކްސްޕޯޓްކުރާ އެންސިސް އިން ބުނީ ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުން ވަރަށް ބޮޑަށް މިދުވަސްވަރު މަދުވެފައިވާކަމަށެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަންނެލި އެކްސްޕޯޓު ކުރާއެއް ކުންފުންޏަކީވެސް އެންސިސްއެވެ. ޔޫރަޕްގެ މާކެޓަށް މަސްއެކްސްޕޯޓުކުރުން މަދުވުމުގެ ސަބަބުން މީގެ އަސަރު އެ ކުންފުންޏަށް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ އެކްސްޕޯޓްވެސް ވަނީ 26 އިންސައްތަ ދަށްވެފައެވެ. ފެބްރުއަރީ މަހު ރާއްޖެ އިން އެކްސްޕޯޓު ކުރީ 394 މިލިއަން ރުފިޔާގެ މުދަލެވެ. މިއަދަދު ޖަނަވަރީ މަހު އުޅުނީ 420 މިލިއަން ރުފިޔާގައެވެ.