މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯކޮށް އާންމު ހާލަތަކަށް ގެންދިއުމާއެކު ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް އެކި އިންޒާރުތައް ލިބެމުންދާތީ މިމައްސަލަ ބަލައިދިނުމަށް ފުލުހުންގެ ސަމާލުކަމަށް ގެނެސްފިއެވެ.
ކޯވިޑް-19އާ ގުޅިގެން، ދިވެހިރާއްޖޭގައި 30 ދުވަހަށް ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ސަރުކާރުން އިޢުލާން ކުރުމާ ގުޅިގެން ކަރެކްޝަންސްއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޢާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުން މެދުކަނޑާލުމާއި ހުރިހާ ޖަލުގެ ޔުނިޓްތަކާއި ފާޚާނާތަކާއި ކޮރިޑޯ ފަދަ ތަންތަން ސާފުކޮށް ޑިސް-އިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތްވަނީ ކޮށްފައެވެ.
މިކަމާގުޅިގެން އިއްޔެ މާފުށީ ޖަލުގައި ސީރިއަސް ކުށްތަކުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާ ބައެއް ފަރާތްތައް އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅާ، ސާފުކުރުމަށް އެއްބާރުލުން ނުދީ ކުރިމަތިލާން މަސައްކަތްކޮށްފައިވާކަމަށް ކަރެސްޝަންއިން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން ހަތަރު ބަންދުމީހަކަށާއި ފަސް އޮފިސަރަކަށް އެކިވަރުގެ ކުދި އަނިޔާ ލިބި، ބަންދު މީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާކަމަށެވެ.
މި ހާދިޘާއާ ގުޅިގެން އެ ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާފައިވާ ކަމާއި، އެކަން އެ ފަރާތްތަކުގެ ޢާއިލާތަކާ ޚިއްސާކޮށްފައިކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މިހާދިޘާއަށްފަހު ކަރެކްޝަންސްގެ އެކި އޮފިސަރުންނަށާއި މުވައްޒަފުންނަށް ތަފާތު އިންޒާރުތައް ލިބެމުންދާކަމަށާއި، އެގޮތުން ރޭގެ ވަގުތެއްގައި ކަރެކްޝަންގެ އޮފިސަރަކަށް މަގުމަތިން މަރުތޭލަކުން ހަމަލާދީފައިވާކަމަށެވެ. މީގެ އިތުރުން ބައެއް އުޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލައި، ބައެއް އިމާރާތްތަކަށް ވެސް ގެއްލުން ދީފައިވާކަމަށެވެ. މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެވިފައިވާކަމަށް ކަރެކްޝަން އިން ވިދާޅުވެއެވެ.
އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މި ހައްސާސް ދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ކަރެކްޝަންގެ ޖަލުތަކުގެ ޙާލަތާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންދާކަމީ ކަންބޮޑުވާ ކަމެއްކަމަށްވެސް އެއިދާރައިން ވިދާޅުވެއެވެ. އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކާ، އެތަންތަނުގެ ރައްކާތެރިކަމަށް ޤާނޫނުން ލާޒިމްކޮށްފައިވާ ގޮތުގެމަތިން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ކަރެކްޝަންސްއިން ވަނީ ދެއްވާފައެވެ.