ޚަބަރު

ކޯވިޑް-19އަށް ޓެސްޓުކުރެވޭނެ އިތުރު ކިޓުތަކެއް ރާއްޖެ ގެނެސްފި


ކޯވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންވާ އިތުރު ޓެސްޓް ކިޓުތަކެއް ރާއްޖެއަށް ގެނެސްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކޮވިޑު-19 ޓާސްކްފޯހުގެ ސްޕޯކްސް ޕަރސަން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ޓެސްޓުކުރުމަށް 5000 ސްކްރީނިންގ ކިޓު ރާއްޖެއަށް މިހާރު ވަނީ އިތުރަށް ގެނެސްފައިކަމަށެވެ. އަދި ކޮންފޮމޭޓްރީ 1000 ކިޓުވެސް މިހާރުވަނީ ގެނެސްފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ސްކްރީނިންގ ކިޓުތަކަކީ ބަލި މީހާގައިގައި ހުރީ ކޯވިޑް-19 ވައިރަސްތޯ ދެނެގަތުމަށް ބޭނުންކުރާ ކިޓުތަކެއްކަމަށެވެ. އަދި ކޮންފޮމޭޓްރީ ކިޓުތަކަކީ ބަލި މީހާ ގައިގައި ހުރީ މިހާރު ޢާއްމުވެފައިވާ ކޯވިޑް-19ތޯ ޔަގީންކުރުމަށް ބޭނުންކުރާ ޓެސްޓު ކިޓުކަމަށެވެ. މިއާއެކު ރާއްޖޭގައި ވޯކިޑް-19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު މިހާރުވަނީ އިތުރަށް ވަރުގަދަވެފައެވެ.

މީގެކުރިން މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވާފައި ވާގޮތުގައި އައިޖީއެމްއެޗުގައި ކޯވިޑް-19އަށް ދާއިމީކޮށް ޓެސްޓުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން އެއަރޕޯޓުތަކުން އެތެރެވާ މީހުންގެ ކިބައިން ވައިރަސްގެ ޢަލާމާތެއް ފެނޭތޯ އަންނަނީ 24 ގަޑިއިރު ސްކްރީންކުރަމުންނެވެ.

މީގެއިތުރުން ރާއްޖޭގައި މިވަގުތު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި ޑޮކްޓަރުންގެ ޓީމުތައް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އެގޮތުން މީހުން ޓެސްތުކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު މިކަމުގައި އަމިއްލަ ޒިންމާ އޮތްކަމަށް ދެކިގެން ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލެނލެބުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.