ހާލަތަށް އަންނަ ބަދަލުތަކާއިއެކު އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުން ގެންދާނެ ކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕްބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ކޯވިޑް 19 އާއި ގުޅޭގޮތުން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާ މަތިކޮށްފައިވާ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައުމޫނާ ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ ޞިއްޚީ މިބޮޑު ނުތަނަވަސްކަމުން އަރައި ގަތުމަށް ރާއްޖެއިން ދުރާލައި ފިޔަވަޅު އަޅަންފަށާފައިވާ ކަމަށެވެ.
މިދަނޑިވަޅަކީ މުޅިދުނިޔޭގައިވެސް ސިއްޚީ ކުއްލި ހާލަތެއް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން އިއުލާނު ކުރައްވާފައިވާ ވަގުތަކަށްވާއިރު، ރާއްޖެއިން އަޅަމުންދާ ކޮންމެ ފިޔަވަޅަކީވެސް ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާއި ނިންމަވާ ނިންމުންތަކުގެ މައްޗަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމުގައި މައިމޫނާ ވިދާޅުވިއެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްކަމަށް މައިމޫނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ވާނީ އެއްރަށުން އަނެއްރަށަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، އާންމުން އެއްވެ އުޅޭ ތަންތަނަށް އެއްނުވެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިކަން އޭނާ ފާހަަގަކުރެއްވިއެވެ.
މައިމޫނާ ވިދާޅުވީ ޞިއްޚީ ގޮތުން މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި މިދަނޑިވަޅުގައި އެޅެން އޮތް އެންމެ ވަރުގަދަ ފިޔަވަޅަކީ ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރެއްވުންކަމަށެވެ. ފަރުދީގޮތުން އާންމު ސާފުތާހިރުކަމަށް ދޭންޖެހޭ ސަމާލުކަންދީ، ކަމާއިބެހޭ ފަރާތްތަކުން ދެއްވާ ލަފަޔާއި އިރުޝާދުތަކަށް ބޯލެބުމަކީ ކޮންމެހެން މިދަނޑިވަޅުގައި ކުރުން މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް މިބަލި ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފެނި ބަލި ފެތުރޭ ނިސްބަތް އިތުރުވެފައިވާއިރު ރާއްޖެއިން މިކަމުގައި ދުރާލާ ފިޔަވަޅުތަކެއް އަޅަމުންދަނީ ބަލި ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށްކަމަށް މައިމޫނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ސަރުކާރާއި ކަމާއިބެހޭ އެންމެހާ އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގައި މިއަޅާ ފިޔަވަޅުތަކަކީ ކުރިއަށް އޮތް ދުވަސްތަކަށް ބެލުމަށްފަހު ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ރައްކަލަށްޓަކައި އެޅެމުންދާ ފިޔަވަޅުތަކެއްކަމަށް މައިމޫނާ ވިދާޅުވިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ހެލްތު މިނިސްޓަރަށް ލަފާދިނުމާއި، އެކަމާ ބެހޭ ގޮތުން އަޅާ ފިޔަވަޅުތައް ކަނޑައަޅައި އެކަން ހެލްތު މިނިސްޓަރަށް ދެންނެވުމުގެ ޒިންމާ އަދާކުރައްވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.