ޚަބަރު

ކޯވިޑް-19: އަލާމަތްތައް ފެނިގެން ކުރެއްދޫން އިތުރު 10 މީހަކު ޓެސްޓުކުރަނީ


ކުރެއްދޫގައި އެކަހެރިކޮށްފައިވާ މީހުންގެތެރެއިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމުގެ ސަބަބުން 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މީގެ އިތުރުން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ހުރި 2 ބިދޭސީއަކު އޮބްލޫ-ސަނެގެލި ރިސޯޓުންވެސް ފެނުމާއި ގުޅިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވީ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނާތީ ޓެސްޓް ނަތީޖާ ލިބެންދެން އޮބްލޫ-ސަނެގެލި ރިސޯޓު މޯނީޓަރިންގއަށް ލާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެނުނު 3 ރިސޯޓު މިއަދުވަނީ ހުޅުވާފައެވެ. މިހާތަނަށް ކޯވިޑް-19އަށް ރާއްޖޭގައި 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.