ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19ގެ ސަބަބުން ޢާއްމު ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވިޔަނުދޭން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޤައުމާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ފާހަގަކުރައްވާ، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭކަމަށެވެ. އެގޮތުން މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު 22.8 އިންސައްތަ ދަށަށްގޮސްފައިވާކަމަށާއި، ޖީ.ޑީ.ޕީވެސް 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުން ދަށަށް ދާނެކަމަށް ލަފާކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެކަމަށް، އަންދާޒާކުރެވޭކަމަށްވެސް ރަައީސް ޞާލިޙު ވިދާޅުވިއެވެ.
"ކުރިން އަންދާޒާކޮށްފައިއޮތީ ރާއްޖޭގެ ފަތުރުވެރިކަން 8 އިންސައްތައަށް ކުރިއަރާނެކަމަށް، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެކަމަށް. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އަރާނެ ލޮޅުމަށްބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެކަމަށް މިހާރު ބެލެވެނީ 0.5 އިންސައްތައާއި 5.6- އިންސައްތައާއި ދެމެދުގެ ނިސްބަތެއްގައި. މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީ ދޭ ޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދަމުންއަންނަކަމަށެވެ. އަދި ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނާންނާނެހެން އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ކާޑުގެ ބާވަތްތަކާއި، ބޭހުގެ ބާވަތްތައް ހުސްނުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
"ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސްނުވާނެކަމުގެ ޔަޤީންކަން ދެން. STO އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި. އަދި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައި. ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އަވަށްޓެރި އިންޑިޔާއިން މިހާރު ވަނީ ޔަޤީންކަން ދީފައި. އަދި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައި" ރައީސް ވިދާޅުވިއެވެ.
ދިވެހި ޤައުމާއި މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެކަމުގައި އެކުވެރި ޤައުމުތަކާއި މާލީ އިދާރާތަކުގެ ފަރާތުން ފެހި ސިގްނަލް ލިބިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.