ކުޅިވަރު

ފިތުރު ޢީދު ބަށި މުބާރާތް ވިދުވަރު ކާމިޔާބުކޮށްފި


"ފިތުރު ޢީދު ބަށި މުބާރާތް 2015"ގެ ޗެމްޕިއަންކަން މައްޗަންގޯޅި ވިދުވަރު ޓީމް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ހުޅުމާލޭ ވިމެންސް ސްޕޯޓްސްއާއި ދެކޮޅަށްކުޅެ މައްޗަންގޯޅި ވިދުވަރު ޓީމް މެޗް ކާމިޔާބުކުރީ އެއް ލަނޑުގެ ތަފާތުންނެވެ.ފައިނަލް މެޗްގެ ދެ އިނިންގްސްގައި މައްޗަންގޯޅި ވިދުވަރު ޓީމުންވަނީ 34 ލަނޑު 11 ފޯލި ހަދާފައެވެ. ހުޅުމާލެ ވިމެންސް ސްޕޯޓްސް އަށް 2 އިނިންގްސްގައި ހަމަކުރެވުނީ 33 ލަނޑު 11 ފޯލިއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި އެކި ވަނަތަކަށް އައި ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނީ ގަލޮޅު ރަންކަނި ޓީމުގެ މަރިޔަމް މަރީޝާއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ހުޅުމާލޭ ވިމެންސް ސްޕޯޓްސްގެ ޝާދިޔާ ޝަކީބް، ފާތިމަތު މިލްނާ، މައްޗަންގޯޅި ވިދުވަރުގެ މަރިޔަމް ބާސިތާގެ އިތުރުން ގަލޮޅު ރަންކަނި ޓީމްގެ ޒީނިޔާ އާދަމްއެވެ.މި މުބާރާތުގެ އެންެމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔަކީ ގަލޮޅު ރަންކަނި ޓީމްގެ މަރިޔަމް މަރީޝާއެވެ. އަދި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިއަކީ ރަންކަނި ޓީމްގެ ޒީނިޔާ އާދަމްއެވެ. މުބާރާތުގެ އެންެމެ އުއްމީދީ ކުޅުންތެރިއަކީ މައްޗަންގޯޅި ވިދުވަރު ޓީމްގެ އާމިނަތު ސަމާއެވެ.މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހުޅުމާލޭ ވިމެންސް ސްޕޯޓްސް ހޮވުނުއިރު، މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވުނީ ރަންކަނި ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ދީފައެވެ. މި ބަށި މުބާރާތަކީ ހުޅުމާލޭ ވިމެންސް ސްޕޯޓްސްއާއި މާލޭގެ އެކި އަވަށްތައް ގުޅިގެން ފިތުރު ޢީދާ ގުޅުވައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.