ވިޔަފާރި

އިތުރު އިސްލާހުތަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު ގެޒެޓްކޮށްފި


އިތުރު އިސްލާހުތަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު ގެޒެޓްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދެކެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު ފުރަތަމަ ގެޒެޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަަނަ ދުވަހުއެވެ. އަލުން ޤަވާއިދު ގެޒެޓްކޮށްފައިވަނީ އެ ޤަވާއިދުގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށްފަހުއެވެ. މި ޤަވާއިދުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ތަންފީޒުކުރުމުގައި އަމަލު ކުރާނެ އަސާސްތައް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދު އެކުލަވައިލުމުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ލިބިފައިވާކަން މީރާއިން ފާހަގަކުރެއެވެ. ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހުށަހަޅަން ދެ ފަހަރެއްގެ މަތިން މީރާއިން ހުޅުވާލިއެވެ. އަދި ޙިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ހިޔާލު ލިބިފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.

ޤަވާއިދު ގެޒެޓްކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން 27 ފަރާތަކާއި މީރާއިން ބައްދަލުކޮށް ގަވާއިދާ ގުޅޭ މައުލޫމާތު ހިއްސާކޮށް ހިޔާލު ބަދަލުކޮށްފައިވެއެވެ. މި ބައްދަލުވުންތަކުގެ ބައިވެރިންގެ ފަރާތުންވެސް ގިނަ ހިޔާލުތަކެއް ލިބިފައިވާކަން މީރާއިން ފާހަގަކުރައްވައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ތަންފީޒުކުރުމަށް މީރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާންމުންނަށް މަޢުލޫމާތުދިނުމަށް މައުލޫމާތު ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި 700 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވިކަމަށް މީރާއިން ވިދާޅުވެއެވެ.