މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.
މި ޓްރެވަލް ކްލިނިކް ޤާއިމުކޮށްފައިވަނީ މާލޭ ހިޔާ 2 ގެ ފުރަގަހުގައެވެ. މިއީ ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމަތެއް ފެނިއްޖެނަމަ ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކޮށްފައިވާ ކްލިނިކެކެވެ.
ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވަނީ މި ޓްރެވަލް ކްލިނިކަށް ޒިޔާރަތްކުރައްވައި އެތަނުގައި ޤާއިމުކޮށްފައިވާ ވަސީލަތްތައް ބައްލަވާލައްވާފައެވެ. އަދި ތަނުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތުވެސް އެކަމަނާ ވަނީ އޮޅުންފިލުއްވާފައެވެ.
މި ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ރާއްޖެ އައިސްއުޅޭ ބޭރު މީހުންނާއި، އަދި ބޭރަށް ދަތުރުކުރުމަށްފަހު ރާއްޖެ އަންނަ ދިވެހިންވެސް ލަސްނުކޮށް މި ކްލިނިކަށް ދެއްކުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބައްޔާގުޅޭގޮތުން ޝައްކުކުރެވޭ އެއްވެސްކަމެއްވާނަމަ ނުވަތަ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ހިލޭ ގުޅޭ ނަންބަރު 1676 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ބަލީގެ ނުރައްކާ ވީހާވެސް ކުޑަކުރުމުގެގޮތުން ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކަށްވެސް ދެން ރާއްޖެއަށް އެތެރެވެވޭނީ އެމީހެއްގެ 14 ދުވަހުގެ ޓްރެވަލް ހިސްޓްރީ ހުށައެޅުމަށްފަހުކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ. އެގޮތުން އެފަރާތްތަކަށް އެއަރޕޯޓުން ބޭރުވެވޭނީ އިމިގްރޭޝަނުން ދޭ ޚާއްސަ ހެލްތް ޑިކްލަރޭޝަން ކާޑެއް ފުރުމަށްފަހުކަމަށް ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރިޖަމާނު، މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
މާލޭގައި ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާ މި ޓްރެވަލް ކްލިނިކްގެ އިތުރުން ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާގައިވަނީ ޚާއްސަ ފްލޫ ކްލިނެކެއްވެސް ހުޅުވާފައެވެ. މިއީ ޢާއްމު ބަލިތަކާއި ރޯގާއަށް ފަރުވާ ހޯދުމަށް ޚާއްސަކޮށްފައިވާ ކްލިނިކެކެވެ.