ޚަބަރު

މާލޭގެ ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރަނީ


މިނިވަން ފަންސާހާއި ގުޅިގެން މާލޭގެ ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ހަތަރު ޖަނަރޭޓަރ ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.  މާލެއަށް ކަރަންޓް ފޯރުކޮށްދެން ބޭނުންކުރި އަށް މެގަ ވޯޓްގެ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވެފައިވާތީ، މާލޭގެ ކަރަންޓްގެ ކެޕޭސިޓީ ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ، ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ހަތަރު ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖުލައި ސައްބީހުގެ ކުރިން މާލޭގައި ހުރި 1.6 މެގަ ވޯޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށްފަހު ކަރަންޓް ފޯރުކޮށްދޭން ފަށާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ އެހީ އާއެކު، އައްޑޫގައި ހުރި ބޭނުން ނުކުރާ ޖަނަރޭޓަރުތަކެއް ގެންނަމުންދާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހިމް ރައޫފް ވިދާޅުވީ އައްޑޫއިން ގެނައުމަށް ހަމެޖެހިފައިވަނީ ދެ މެގަ ވޯޓްގެ ދެ ޖަނަރޭޓަރ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަސް ތެރޭ ޖަނަރޭޓަރުތައް ލިބުމުން، މާލޭގެ ކަރަންޓްގެ ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށެވެ. "އައްޑޫއިން ގެންނަ ޖަނަރޭޓަރުތައް ޖުލައި ސައްބީހުގެ ކުރިން ބޭނުމެއް ނުކުރެވޭނެ. އެތަކެތި ލިބޭނެ ކަމަށް ލަފާ ކުރެވެނީވެސް ކުރިއަށް އޮތް ދެ ދުވަސްތެރޭގައި. ޖަނަރޭޓަރުތައް ލިބުމުން ވީހާވެސް އަވަހަކަށް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނަން. މިކަމުގައި ސްޓެލްކޯއަށް ފެނަކައާއި އެމް.އެން.ޑީއެފުން ވަރަށް ބޮޑަށް އެހީތެރިވޭ" ރައޫފް ވިދާޅުވިއެވެ. މިނިވަން ފަންސާހާއި ގުޅިގެން، މާލޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، އަލަށް އިންސްޓޯލްކުރާ ޖަނަރޭޓަރު ތަކާއެކު، އެއްވެސް މައްސަލައެއް ނެތި ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ރައޫފް ވިދާޅުވިއެވެ. މިނިވަން ފަންސާހާއި ގުޅިގެން އާންމުކޮށް ލޯޑް ބޮޑުވާ މިންވަރަށްވުރެ، 2.5 މެގަ ވޯޓްގެ ކަރަންޓް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސްޓެލްކޯއިން އަންދާޒާ ކުރެއެވެ."ލޯޑު ބޮޑުވާ މިންވަރަށް ކޭޓަރ ކުރެވޭނެ. ނަމަވެސް އަޅުގަނޑުމެން އިލްތިމާސްކުރަން މަތީ ލޯޑުގެ ތަކެތި ބޭނުން ނުކުރުމަށް. އެއީ މިވަގުުތު އެންމެ ބޮޑު ޖަނަރޭޓަރުގައި މައްސަލަތަކެއް އުޅޭތީ. އަށް މެގަ ވޯޓްގެ ޖަނަރޭޓަރަށް މައްސަލަ ކުރިމަތިވެފައިވިޔަސް، މާލެއިން ކަރަންޓް ކަނޑާނުލާ ކަރަންޓް ފޯރުކޮށްދެމުންދާކަން މި ފުރުސަތުގައި ފާހަގަކޮށްލަން." ރައޫފް ވިދާޅުވިއެވެ. އައްޑޫއިން މާލެ ގެންނަ ޖަނަރޭޓަރުތަކާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލު ވިދާޅުވީ، އައްޑޫއިން ގެންނަ ޖަނަރޭޓަރުތައް މިނިވަން ފަންސާސް ނިމުމުން އައްޑޫއަށް އަނބުރާ ފޮނުވާނެ ކަމަށެވެ. މާލޭގައި ޖަނަރޭޓަރުތައް ބޭނުން ކުރަނީ ވަގުތީ ގޮތުން ކަމަށްވެސް ނިމާލު ވިދާޅުވިއެވެ. އައްޑޫއިން މާލެ ގެންނަ ދެ މެގަ ވޯޓްގެ ދެ ޖަނަރޭޓަރަކީ ރަމަޟާން މަހުގެ ފުރަތަމަ ރޭ މާލެއިން އައްޑޫއަށް ފޮނުވާލި ޖަނަރޭޓަރު ތަކެކެވެ.