ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ތަންފީޒީ އިދާރާތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ - ރައީސް


ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ތަންފީޒީ އިދާރާތަކުގެ ޒިންމާއާއި މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިކަމަށް ގޮވާލެއްވީ ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން ، އާރކްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އާރކްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކަކީ، އެކަންކަމުގެ ނުރަނގަޅު އަސަރު، އެ ކުދިންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިފަދަ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލު ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ވަނީ ގޮވާލައްވާފައެވެ. އަދި އިޖްތިމާޢީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"މިފަދަ ކަންކަމަކީ ހަމައެކަނި ޢާއިލާތަކުން ނުވަތަ މުޖުތަމަޢުއަށް ހައްލުކުރެވޭނެ ކަންކަމެއްނޫން. މިކަމުގައި ދަޢުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެގޮތުން ޝަރުއީ ކޯޓުތަކާއި ތަޙްޤީޤީ އިދާރާތަކާއި، ތަންފީޒީ އެހެނިހެން އިދާރާތަކުގެ ޒިންމާއާއި މައްސޫލިއްޔަތުވެސް ފުރިހަމައަށް އަދާކުރަން އެބަޖެހޭ" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ މަސައްކަތަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި އެހެނިހެން ޤަވާޢިދުތަކުގެ ދަށުން، ޖިނާއީ ދަޢުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި އެކަމުގެ ފުރިހަމަ ދިރާސާއެއް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރކްގެ ފައުންޑިންގ މެމްބަރ ޒެނީޝާ ޝަޙީދު ޒަކީ ވިދާޅުވީ، 2009 ވަނަ އަހަރު ދަރުމައަށް މަސައްކަތްކުރުމުގެ ގޮތުން ފެށުނު ހަރަކާތްތައް މިއަދު ޖަމްޢިއްޔާއެއްގެ ގޮތުގައި މުޅި ރާއްޖެއަށް ފުޅާކުރެވި، ކުޑަކުދިންގެ ހައްޤުތަކަށް ވަކާލާތު ކުރުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން ފުރަތަމަ އެ ޖަމްޢިއްޔާ އުފައްދައި ފުރަތަމަ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިންނަމަވެސް، މިއަދު ކުޑަކުދިންނަށް ބޭނުންވާ ތަޢުލީމާއި، ޞިއްޙަތާއި ދުޅަހެޔޮކަމާއި، އެކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަން ޒެނީޝާ ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އާރކްގެ ހޭލުންތެރިކުރުވުމުގެ ތަފާތު ކެމްޕޭންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެންގޮސްފައިވޭ. މިދިޔަ އަހަރަށް އެކަނި ބަލާނިނަމަވެސް ރާއްޖޭގެ 12 އަތޮޅެއްގެ 54 ރަށެއްގެ ޖުމްލަ 4000 ދަރިވަރުންނަށާއި 950 ބެލެނިވެރިންނަށަށާއި ޓީޗަރުންނަށް އަމާޒުކޮށް ހަރަކާތްތައް ހިންގާފައިވޭ. މިއީ ޚަރަދު ބޮޑު މަސައްކަތަކަށްވީނަމަވެސް މިހާ ކާމިޔާބުކަމާއެކު މި ހިންގެނީ އަޅުގަނޑުމެންގެ ޕާޓްނަރުންގެ މެދުގައި އޮތް އިތުބާރުގެ ސަބަބުން" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުޑަކުދިންގެ ހައްޤުތަކަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެޖަމްޢިއްޔާއިން އުފައްދާފައިވާ "ޗައިލްޑް ފްރެންޑްލީ ވީޑިއޯ"ތައް ވަނީ ލޯންޗްކޮށްފައެވެ. މި ވީޑިއޯތައް ލޯންޗްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މީގެ އިތުރުން އާރކްގެ ފަރާތުން ވަނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ޙާއްސަ ހަނދާނީ ލިޔުން އެފަރާތްތަކާއި ހަވާލުކޮށްފައެވެ.