ޚަބަރު

ޑްރަގް އޮޕަރޭޝަންތަކުގައި އެންމެ ޒަމާނީ އާލަތްތައް ގެނެސް ބޭނުންކުރަން ފަށައިފި


ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ޒަމާނީ އާލަތްތައް ގެނެސް ބޭނުންކުރަން ފަށައިފިއެވެ.

މިތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްއަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ. މިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓުވީޓް ކުރައްވާފައެވެ.

މި ޓުވީޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ ފުލުހުންގެ މަސައްކަތް ވަރުގަދަކޮށް މަސައްކަތުގެ ފެންވަރު ރަނަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ގެތައް މިހާރު ހަދާފައި ހުންނަނީ ދަގަނޑު ގޭޓްތައް ލައި ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކޮށްގެން ތަންތަނަށް ވަންނަން ބޭނުންކުރާ ޒަމާނީ އާލާތްތަށް ލިބުމުން ބޮޑެތި ލުއިފަސޭތަކެއް ލިބިގެންދާނެކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުން މިއަދު ބޭނުންކުރަން ފެށި އާލާތްތަކުގެ ތެރޭގައި ދޮރު ހުޅުވުމަށާއި ދޮރު ވައްޓާލުމަށް ބޭނުންކުރާ ހައިިޑްރޯލިކް އިކްއިޕްމެންޓާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ އިކްއިޕްމެންޓްތައް ހިމެނެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ޓުވީޓް

ސެކިއުރިޓީ ވަރުގަދަކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެތަކުގައި އެތަކެތި ވިއްކުމާއި ބޭނުން ކުރުމުގެ ފުރުޞަތު ވެސް ދެއެވެ.

ދާދިފަހުން ފުލުހުން މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަންތަކުގައި ބަލައި ފާސްކުރި ގެތަކުގައި ސެކިއުރިޓީ ވަރުގަދަކޮށް މަސްތުވާތަކެތި ބޭނުންކުރުމަށް ވަންނަ ކޮޓަރިތަކާއި އެޕާޓްމަންޓުތަކުގައި ދަގަނޑު ދޮރު ހަރުކޮށް ސެކިއުރިޓީ ވަރުގަދަ ތަޅުތައްވެސް ހަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާ ގިނަ ބަޔަކު އަތުލައިގެންފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.