ޚަބަރު

"ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ޤާއިމުކުރުމުން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީދައްކުވައިދޭ"


ރާއްޖޭގައި ފުރަތަމަފަހަށް ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ޤާއިމުކުރުމަކީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ދައްކުވައިދޭ ކަމެއްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރުވަނީ، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ދިވެހިރާއްޖޭގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި ގުގުމާލައިފައިވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ޖަރުމަނުވިލާތަށާއި، ޗެކް ރިޕަބްލިކަށް ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ މިސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަޑު އުފުލުމަށް ޚާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ސަރުކާރުން ދިވެހިންނަށް، ދުނިޔޭގެ ޤައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ މަގުތަކެއް ފަހިކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، އަލަށް ހުޅުވި ޝެންގެން ވިސާ ދޫކުރާ ދާއިމީ ސެންޓަރަކީވެސް މި މަޤްޞަދުގައި ހުޅުވި ސެންޓަރެއްކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ފުރަތަމަފަހަށް ޝެންގެން ވިސާ ދޫކުރާ ދާއިމީ ސެންޓަރެއް ޤާއިމުކުރުމަކީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީދައްކުވައިދޭކަމެއް. މި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން. ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެތެރޭގައި މިފަދަ އުފާވެރި ޚަބަރުތައް ލިބޭނެ." ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑޭ އަދި ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންންވާ ސަފީރު މިލަން ހޮވޯކާ ވަނީ ދިވެހިރާއްޖެއިން އަދި ވަކިން ޚާއްސަކޮށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުނ ތަމްސީލުކުރައްވަން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މި ދެޤައުމުގެ ސަފީރުން ވަނީ މިއަހަރު ނިމުމުގެ ކުރިން ޔޫރަޕްގެ އިތުރު ޤައުމުތަކުން އެ ޤައުމުތަކުގެ ގޮފިތައް ޝެންގެން ވިސާ ދޫކުރާ ދާއިމީ ސެންޓަރުގައި ހުޅުވާނެކަން ހާމަކުރައްވާފައެވެ
.
ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ޤާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ފަރާތްތައް ބައިވެރިވިއެވެ. ފޮރިން މިނިސްޓަރީ މިހާރު ހިންގާ އިމާރާތުގައި ހުޅުވި ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީސް ހިންގާނީ ރާއްޖެއަށް މޯބައިލް ޝެންގެން ވިސާ ދޫކުރުމުގެ ކަންކަންވެސް އިންތިޒާމުކޮށް ހިންގި ވީ.އެފް.އެސް ގްލޯބަލްއިންނެވެ.