ފުރިހަމަ ޔުޓިލިޓީ ކުންފުންޏަކަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.ތުލުސްދޫގެ ހުރިހާ ޔުޓިލިޓީ މަސައްކަތްތަކާއި ހަވާލުވުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ ވިދާޅުވެއްޖެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ސްޓެލްކޯއިން މިހާރުވަނީ ކ.ތުލުސްދޫގެ ނަރުދަމާ ނިޒާމުގެ ހިންގުމާވެސް ހަވާލުވެފައެވެ.
ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓުގެ ޚިދުމަތް ދެމުން އައި ކުންފުންޏެއް ނަމަވެސް އެ ކުންފުނިން މިހާރުދަނީ ރަށްރަށަށް ނަރުދަމާއާއި ފެނުގެ ޚިދުމަތް ދިނުމަށް ކުންފުނީގެ މަސައްކަތް ފުޅާކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ތުލުސްދޫއަށް ކަރަންޓުގެ ޚިދުމަތް މިހާރުވެސް ދެމުން އަންނަ ސްޓެލްކޯއިންވަނީ، އެރަށުގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ.
ތުލުސްދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައިވަނީ 2017ގައެވެ. މި މަސައްކަތުގެދަށުން އެރަށުގައި ނަރުދަމާގެ ވިއުގަ އެޅުމާއި، ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓްހެދުމުގެ އިތުރަށް އިދާރީ މަސައްކަތްތަކަށް އިމާރާތެއްވަނީ ހަދާފައެވެ.
ސްޓެލްކޯއިން ތުލުސްދޫގެ ނަރުދަމާ ނިޒާމާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢްނީ ވިދާޅުވީ މި ޚިދުމަތް އެރަށުގައި ފެށުމަށް ސްޓެލްކޯއިން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށެވެ. އަދި ގޭގެއަށް ޚިދުމަތް ފެށުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްގެންދާކަމަށް މުޣްނީ ވިދާޅުވިއެވެ.
މެނޭޖިންގ ޑިރެކްޓަރ މުޣްނީ ވިދާޅުވީ ސްޓެލްކޯގެ މިހާރުގެ މިސްރާބު ހުރީ ފުރިހަމަ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށްކަމަށެވެ.
"ކުރިން ހަމައެކަނި ކަރަންޓުގެ ޚިދުމަތް މިދެނީ. މިހާރު ބޭނުންވަނީ ކަރަންޓު، ނަރުދަމާ އަދި ފެނުގެ ޚިދުމަތްތައް ފުރިހަމައަށްދޭ ޔޫޓިލިޓީ ކުންފުންޏަކަށްވާން. މިރަށުގެ ނަރުދަމާއާއި، މި ހަވާލުވީ. ފެނުގެ ނިޒާމުގެ މަސައްކަތް ކުރެވުނީމަ އެމަސައްކަތްވެސް ސްޓެލްކޯއިން ބަލަހައްޓާނީ." މުޣްނީ ވިދާޅުވިއެވެ.
ސްޓެލްކޯއިން މިހާރުވެސް 3 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަކަން މުޢްނީ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަޙްމަދު އަނީސް ވިދާޅުވީ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ ރަށްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުންމީދުކަމަށެވެ.
"ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރެއްމިއީ. 9 މަސް ވެއްޖެ ނަރުދަމާ މަސައްކަތް ނިމި، ނަމަވެސް ޚިދުމަތް ނުފެށި. ނަމަވެސް މިކަން ކުންފުންޏަކާއި ހަވާލުވެގެން ދިއުމަކީ އުންމީދު އާވެގެންދިޔަ ކަމެއް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތުލުސްދޫގެ ނަރުދަމާ ނިޒާމާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ޗެއަރމަން މުޙައްމަދު ރަޝީދާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތުލުސްދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ގޭބިސީތަކާއި، ވިޔަފާރިތައް ހިމެނޭހެން 400 އަށްވުރެ ގިނަ ތަނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ޚަރަދުކޮށްގެން ކުރިއަށްގެންދާ 46.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.