ޚަބަރު

މިނިވަން ފަންސާހުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ
ޔާމީން އަބްދުލްޤައްޔޫމް މިނިވަން ފަންސާހަށް މާލޭގައި ވަމުންދާ ތައްޔާރީތަށް
ބައްލަވާލައްވައިފިއެވެ.

މިނިވަން ފަންސާސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން
މުޅި މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިނިވަން ފަންސާހާ ގުޅިގެން އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއްވެސް މާލޭގައި ދަނީ ކުރިއަށްގެންދަމުންނެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން ވަނީ މިނިވަން ފަންސާހާ
ގުޅިގެން ޖުމުހޫރީ މައިދާނާއި، ރައީސްމީ ފާލަން ނުވަތަ 1 ނަންބަރު ޖެޓީ ރީޑިޒައިން
ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާ ލައްވާފައެވެ.

މިނިވަން ފަންސާހާ
ދިމާކޮށް އެމް.ޓީ.ސީ.ސީގެ ބެލުމުގެ ދަށުން މުޅި ޖުމުހޫރީ މައިދާން އެއްކޮށް
ރީޑިޒައިން ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ޖުމުހޫރީ މައިދާނާއި
ރައީސުލްޖުމްހޫރިއްޔާގެ ފާލަން އެއްކޮށް ބަދަލުވެގެން ދާނެކަމަށް ހައުސިންގް
މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. 

އަދި މިނިވަންދުވަހުގެ ރަސްމީ އިހްތިފާލު
ކުރިއަށްގެންދިއުމަށް އުސްފަސްގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް
ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވަނީ ބައްލަވާލައްވާފައެވެ.

މިނިވަންދުވަހުގެ
ޚާއްސަ އިހްތިފާލު އެހެން އަހަރު ތަކުގައި ދަރުބާރުގޭގައި ބޭއްވި ނަމަވެސް މިފަހަރު
އެހަފްލާ ބޭއްވުމަށް ނިންމާފައިވަނީ އުސްފަސްގަނޑުގައެވެ. އަދި މި އިހްތިފާލަކީ
މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ޖަލްސާއަށް ވެގެންދާނެކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. 

މިނިވަން ފަންސާސް ފާހަގަކުރުމަށް
ވަމުންދާ ތައްޔާރީތަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ގާތުން
ބައްލަވަމުންނެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރާ
އިހްތިފާލުގައި އެއްހާސް އެތަށް ފާރަތަކަށް ދައުވަތު އަރުވާފައިވާކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ. 

މިނިވަން ފަންސާހާގުޅިގެން މާލެތެރެ
ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މާލޭގެ ބޮޑުބައެއްގައި މިހާރުވަނީ
ބޮކިފަތި ދަމާފައެވެ. އަދިވެސް އެމަސައްކަތް ދަނީ ކުރިއަށެވެ.