ލާ މަރުކަޒީ ނިޒާމު ތަންފީޒު ނުވެ އޮތީ ވެރިކަމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ބާރުތައް ދޫކޮށްލުމަށް ފަސްޖެހިފައިވުމުންކަމަށް އިދިކޮޅު ޕާޓީން ރިޔާސީ ބަޔާނަށް ދިން ޖަވާބުގައި ބުނެފިއެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ އެޕާޓީގެ ޕީޖީ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
މީ 2011 ވަނަ އަހަރުގެ ފަހުން މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީބަޔާނަށް އިދިކޮޅު ޕާޓީއަކުން ޖަވާބުދިނުމަށް މަޖލީހުން ފުރުސަތުދިން ފުރަތަމަ ފަހަރުއެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމްވަނީ އިދިކޮޅު ޕާޓީއަކަށް ރިޔާސީ ބަޔާނަކަށް ޖަވާބުދެއްވުމުގެ ފުރުސަތު ފަހިކޮށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ކޮންމެ މަޖިލީހެއްގައިވެސް ލިބެންޖެހޭ ފުރުސަތެއްކަންވެސް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވަނީ ގައުމުކުރިޔަށް ދަނީ އެއްވެސް މިސްރާބެއްނެތިކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ.
ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ލަސްވާކަމަށް ވިދާޅުވެ ތަރައްޤީގެ މަޝްރޫޢުތައް ލަސްނުކޮށް ވީހާވެސް އަވަހަށް ފެށުމަށް ސަލީމްވަނީ ގޮވާލައްވާފައެވެ. އަދި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ސިޔާސަތުގެ ދަށުން ދައުލަތުގެ ބަޖެޓުން 15 މިލިޔަން ރުފިޔާ އުނިކުރަން ފެންނަކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މީގެ އެތަކެއް ދުވަހެއް ކުރިން ތަންފީޒުކުރަމުދިޔަ ނިޒާމެއްކަމަށެވެ. ނަމަވެސް ބައެއް ވެރިން ބާރުތައް ދޫކޮށްލުމަށް ފަސްޖެހުމަކީ ލާމަރުކަޒީ ނިޒާމު ތަންފީޒު ނުވެ އޮތް އެންމެބޮޑު ސަބަބުކަމަށެވެ. މި މޭރުމުން ސަލީމް ވާހަކަފުޅު ދައްކަވާފައި މިވަނީ ލާމަރުކަޒީ ޤާނުނަށް ބޮޑެތި އިސްލާހުތަކެއް މި ސަރުކާރުން ގެނެސް ކައުންސިލަތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ނިންމާ އެ ޤާނުނަށް އަމަލުކުރަން ފަށާފައިވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދެއްވި ފުރުސަތުގައި މަޖިލީހުގެ ސުޕްމެޖޯރިޓީ ޕާޓީގެ މެމްބަރުން ހަމަހިމޭންކަމާއިއެކު މި ވާހަކަތައް އަޑުއަހަން ތިއްބެވިކަމަށްޓަކައި މަޖިލިސް ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވި ދުވަހު އިދިކޮޅު މެމްބަރުން ދެއްކެވިފަދަ ނާތަހުޒީބު އަމަލުތަކެއް އެމްޑީޕީގެ 65 މެމްބަރުންގެ ފަރާތުން ނެފެނުނުކަމީ ޑިމޮކްރަސީގެ ރީތި މިސާލެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން ދެއްވި އިރު އެމަނިކުފާނުގެ ބަޔާނަށް ހުރަސް އެޅުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެމްބަރުންވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނުވަނީ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި ޤައުމުގެ ހާލަތާއި އަދި މިއަހަރަށް ހިންގެވުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްސީލީ ބަޔާނެއް ދެއްވާފައެވެ.