ސިއްހަތު

ޗައިނާއިން ރާއްޖެއަށް އެތެރެވި ދެ ދިވެއްސަކު ކަރަންޓީނުކޮށްފި


ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގުޅިގެން ޗައިނާއިން ރާއްޖެ އެތެރެވި 2 ދިވެއްސަކު ކަރަންޓީނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ޗައިނާއިން ރާއްޖެ އައި މި ދެ މީހުންގެ ގައިން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިފައިނުވިނަމަވެސް އެމީހުން ކަރަންޓީނުކޮށްފައިވަނީ މި ބަލިން ރައްކާތެރިވުމަށްޓަކާ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ. އެގޮތުން މި ޕްރޮޓޮކޯލްގެ ދަށުން ޗައިނާއިން އަންނަ ދިވެހިންނަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިން ނަމަވެސް، އެމީހަކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކޮށްފައި ބަހައްޓަންޖެހޭކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ކަރަންޓީނުކޮށްފައިވާ 2 ދިވެހިންގެ އެއްވެސް މަޢުލޫމާތެއް ހެލްތް މިނިސްޓްރީން އާއްމުކޮށްފައެއްނުވެއެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅޭގޮތުން އާއްމުންނަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް އެ މިނިސްޓްރީގެ ފަރާތުން ހާމަކުރަމުންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އާ ގުޅިގެން 7 ޤައުމަކަށް ދަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ދާދިފަހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް މިބަލި ފެނި އެޤައުމުތަކުގައި ބަލި ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

އެހެންކަމުން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ޖަޕާން، ސިންގަޕޫރު، ހޮންކޮންގ، ދެކުނު ކޮރެއާ، ތައިލެންޑް، އީރާން އަދި އިޓަލީއަށް ދިވެހިން ދަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ޗައިނާގައި ކޯވިޑް-19 ފެތުރެން ފެށުމާއިއެކު ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ޚާއްސަކޮށް ރާއްޖެ އެތެރެވާ މައި އެއަރޕޯޓްތަކާއި ޕޯޓްތަކުގައި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.