ޒިކުރާ މިސްކިތް ހެދުމަށް 2018ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުން ހާމަވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ 2018ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޒިކުރާ މިސްކިތް ހެދުމަށް ކޮންޓްރެކްޓަރާއިއެކު ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ ކަންތަންތައް ފުރިހަމަކޮށްފައި ނުވާކަން ފާހަގަވެފައި ވާކަމަށެވެ. އަދި "ޒިކުރާ މިސްކިތް ތަރައްޤީކުރުމާއި ގުޅޭގޮތުން ހުށައަޅާ ކަރުދާސް"އާއި ކޮންޓްރެކްޓުގައި ހިމެނޭ މަޢުލޫމާތުތަކާއިވެސް ދިމާނުވާކަމަށެވެ.
ޒިކުރާ މިސްކިތް ހަދަން ނިންމީ 10 ފަންގިފިލާއަށެވެ. އެއިން ފުރަތަމަ 3 ފަންގިލާ ބޭނުންކުރުމަށް ހަމަޖެއްސީ ނަމާދުކުރެވޭނެހެން މިސްކިތުގެ ބައިގެ ގޮތުގައެވެ. އަދި އަނެއް 7 ފަންގިފިލާ ބޭނުންކުރުމަށް ނިންމީ އޮފީސް އިމާރާތުގެ ގޮތުގައި ކުއްޔަށް ދިނުމަށެވެ.
އޮޑީޓް އޮފީހުން ނެރުނު ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިސްކިތް އަޅާ ބިމުގެ ރެޖިސްޓްރީ ނެތުމުގެ މައްސަލައެވެ. ބިމުގެ ރެޖިސްޓްރީ ހޯދުމަށްއެދި އިސްލާމިކް މިނިސްޓްރީއިން 2018ވަނަ އަހަރު އޮގަސްޓްމަހު 26ވަނަ ދުވަހު ވަނީ ހައުސިންގ މިނިސްޓްރީގައި އެދިފައެވެ. މި ސިޓީގެ ޖަވާބުގައި ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމަކީ ރެޖިސްޓްރީކޮށްފައިވާ ބިމެއްކަން ހައުސިންގ މިިނިސްޓްރީގެ ލިޔެކިޔުންތަކުން އެންގެން ނެތްކަމަށެވެ.
އެހެންކަމުން 9 ޖުލައި 2018ގައި މިސްކިތް އެޅުމުގެ އެބަސްވުމުގައި ސޮއިކުރިއިރު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ މައިގަނޑު ލިޔެކިޔުންކަމަށްވާ ބިމުގެ ރެޖިސްޓްރީ ނެތްކަމާއި، އެ ބިމަކީ ކޮންފަރާތެއްގެ ބިމެއްކަން ކަށަވަރުކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮޖެކްޓަކީ 130މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއުއެކެވެ. މީގެތެރެއިން 30މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާނީ ސަރުކާރުންނެވެ. އަަދި 100މިލިއަން ރުފިޔާ ޚަރަދުކުރަނީ ކޮންޓްރެކްޓަރުކަމަށް އެއްބަސްވުމުގައިވެއެވެ. މިސްކިތް އެޅުމާއިގުޅޭ ލިޔެކިޔުންތަކުގައި ވާގޮތުން 10 ފަންގިފިލާގެ ތެރެއިން 6 ފަންގިފިލާ 10އަހަރު ދުވަހަށް ކޮންޓްރެކްޓަރަށް ދޫކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސް ސޮއިކުރި އެއްބަސްވުމުގައި ކޮންޓްރެކްޓަރަށް 7 ފަންގިފިލާ ދިނުމަށް އެއްބަސްވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދު ސައްޙަނޫންކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
"ޒިކުރާ މިސްކިތް ތަރައްޤީކުރުމަށް ހުށައަޅާ ކަރުދާސް"ގައިވާގޮތުން އިމާރާތުގެ ބޭނުންކުރަންފަށާ ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި ޖުމްލަ 24 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި 10އަހަރު ފަހުން ކޮންމެ އަހަރަކު 12މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާކަމަށް ކަރުދާހުގައިވެއެވެ.
އެއްބަސްވުމުގެދަށުން ފުރަތަމަ 10އަހަރު އިސްލާމިކް މިނިސްޓްރިއަށް ލިބޭނީ އިމާރާތުގެ 3 ފަންގިފިލާ އެކަންޏެވެ. މި މުއްދަތުގައި މުޅި އިމާރާތަށް ކުލީގެ ގޮތުގައި ލިބޭ 24މިލިއަން ރުފިޔާއިން، އެއްވެސް ރުފިޔާއެއް މިނިސްޓްރީއަށް ނުލިބޭނެކަމަށް ކޮންޓްރެކްޓްގައި ފާހަގަކޮށްފައިވެއެވެ.
މި ޕްރޮޖެކްޓަކީ ސަރުކާރުގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް އޭރު ނިންމާފައިވާ ޕްރޮޖެކްޓެކެވެ. ނަމަވެސް ޕްރޮޖެކްޓްގައި ސޮއިކުރިއިރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި ލަފާ ހޯދަފައެއް ނުވެއެވެ. މީގެއިތުރުންވެސް ޕްރޮޖެކްޓްގެ ބީ.އޯ.ކިއުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަންއާއި، އިމާރާތުގެ ސްޓްރަކްޗަރަލް ޑްރޯވިންގް އާއި، އާކިޓެކްޗަރަލް ޑްރޯވިންގ ކަނޑައެޅިފައިވާ މުއްދަތުގައި ހުށައަޅާފައެއް ނުވެއެވެ.
އަދި ޕްރޮޕޯސަލް މިނިސްޓްރީގައި ރަސްމީކޮށް އެންޓްރީވެފައި ނެތްކަމަށް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފައެވެ.
މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި އަދި ޕްރޮޕޯސަލްގައި ކަނޑައަޅާފައިވާ މުއްދަތާއިވެސް ދިމާނުވާކަމަށް ރިޕޯޓްގައިވެއެވެެ. ޕްރޮޕޯސަލްގައި މަސައްކަތް ނިންމުމަށް 23 މަސް ދުވަސް ކަނޑައެޅިނަަމަވެސް، ސޮއިކޮށްފައި ވަނީ 25މަސްތެރޭގައި އިމާރާތުގެ މަސައްކަތް ނިންމުމަށެެވެ.
އެއްބަސްވުމުގައި މައްސަލަތައް އުޅޭތީ އެ މައްސަލަަ އަދިވެސް އޮތީ ކޯޓުގައެވެ. އަދި މިހާތަަނަށް ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ.