ދުނިޔެ

އެމެރިކާގެ އަސްކަރީ ދައުރު ފުޅާވެ ލަޝްކަރުތައް ވަރުބަލިވެފައި


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އަދާކުރަންޖެހިފައިވާ އަސްކަރީ ދައުރުތައް ބޮޑުވެ ފުޅާވުމުގެ ސަބަބުން އެމެރިކާ ސިފައިންގެ ލަޝްކަރުތައް ވަރުބަލިވެފައިވާކަމަށް އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ރައިމަންޑް އޮޑިނޯ ވިދާޅުވެއްޖެއެވެ.އޮޑިނޯ ވިދާޅުވީ ކުރިން ލަފާކޮށްފައިވާ ވަރަށްވުރެ ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާގެ އަސްކަރީ ދައުރުތައް މިހާރު ބޮޑުވެ ފުޅާވެފައިވާތީ އެމެރިކާ ސިފައިންގެ އަދަދު މަދުކުރަމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިގުމުއްދަތަކަށް އަސްކަރީ ވާޖިބުތައް އަދާކުރުމުގައި އެމެރިކާގެ ސިފައިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.އޮޑިނޯ ވިދާޅުވީ ޔޫރަޕްގައި ހަނގުރާމަ ނުއުފެދޭނެކަމާއި އަފްޣާނިސްތާނާއި އިރާގަށް ދެން އެމެރިކާގެ ސިފައިން ފޮނުވަންނުޖެހޭނެ ކަމަށް ކުރިން ލަފާކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޔުކްރޭންގައި ދާޚިލީ ހަނގުރާމަ ފެށުމާއި މެދުއިރުމަތީގައި އައިއެސް ޖަމާއަތް ފުޅާވުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ މަސްއޫލިއްޔަތުތައް އިތުރުވެފައިވާ ކަމަށްވެސް ޖެނެރަލް އޮޑިނޯ ވިދާޅުވިއެވެ.