މުދައްރިސުންގެ ފަންނީ އޮނިގަނޑު މިހާރު އެކުލަވާލާ ނިމިފައިވާކަމަށާއި، އަންނައަހަރު އެ އޮނިގަނޑު ތަންފީޒުކުރަން ހަމަޖެހިފައިވާކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީއިން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެން.އައި.އީގެ އެޑިޔުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ، މުދައްރިސުންގެ ފަންނީ އޮނިގަނޑަށް އަމަލުކުރަން ފެށުމާއެކު ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
އެގޮތުން ޓީޗަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތަކާއި، މަސައްކަތުގެ މާހަލުގައި ފުރިހަމަކުރަންޖެހޭނެ ކަންތައްތަކާއި ޓީޗަރެއްގެ މަޤާމުން ލީޑިންގ ޓީޗަރަކާއި ހަމައަށް ދިއުމަށް ފުރިހަމަކުރަންޖެހޭނެ ކަންކަން މުދައްރިސުންގެ ފަންނީ އޮނިގަނޑުގައި ވަރަށް ތަފްޞީލުކޮށް ހިމަނާފައިވާނެކަމަށް ޝުހުދާ ވިދާޅުވިއެވެ.
ޝުހުދާ ވިދާޅުވީ، އަލަށް އެކުލަވާލާފައިވާ މުދައްރިސުންގެ ފަންނީ އޮނިގަނޑަކީ މިހާރުގެ ޤައުމީ މަންހަޖުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވާނޭހެން، ޒަމާނީ ތަޢުލީމީ ނިޒާމަކަށް ޓީޗަރުން ބައްޓަންކުރުމަށް ބޭނުންވާނެ ސިފަތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އޮނިގަނޑެއްކަމަށެވެ.
"ޕްރީ-ސަރވިސް ޓީޗަރ ޓްރެއިނިންގެ ތެރެއިން އަސްލު ކަރިކިއުލަމަށް ނުވަތަ ސްކޫލްތަކަށް މިހާރު ބޭނުންވާގޮތަށް ސިސްޓަމަށް ބޭނުންވާ ޓީޗަރުން ނާންނަކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާތީވެ، އަޅުގަނޑުމެން މި ޤަބޫލުކުރަނީ މުދައްރިސުންގެ ފަންނީ އޮނިގަނޑު ތަންފީޒުކުރަން ފެށުމާއެކު ބަދަލުތަކެއް ފެނިގެންދާނެކަމަށް" ޝުހުދާ ވިދާޅުވިއެވެ.
ޝުހުދާ ވިދާޅުވީ، މުދައްރިސުންގެ ފަންނީ އޮނިގަނޑު ތަންފީޒުކުރަން ފަށަންވާއިރަށް އެކި އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޓީޗަރުން ތަމްރީން ކުރުމަށް ބޭނުންކުރާ ކަރިކިއުލަމްއާއި މިހާރު ޤައުމީ މަންހަޖާއި އެއްގޮތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ރިލީފް ޓީޗަރުންނަށް ޚާއްސަކޮށްގެން ދިގު މުއްދަތެއްގެ ތަމްރީން ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ޝުހުދާ ވިދާޅުވިއެވެ.