ޚަބަރު

ރަސްފަންނު ހެދުމަށް ފަސްއަޅައި ބަންދުކުރި މަގު އަލުން ހުޅުވާލަނީ


ރަސްފަނު ތަރައްޤީކުރިއިރު ވެލިއަޅައި ބަންދުކުރި ބޮޑުތަކުރުފާނު މަގުގެ އެ ސަރަޙައްދު އަލުން ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ނިންމައި ވަރަށް އަވަހަށް އެމަގު ދުއްވުމަށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

މާލޭ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ ހަފްތާގެ ހޯމަވަހުއެވެ. މަގުހެދުމުގެ މަސައްކަތުގެދަށުން އެންމެ ފުރަތަމަ ކުރަނީ މާފަންނު ވެސްޓް ޕަރކް ސަރަޙައްދުގެ 8 މަގެއް ހެދުމުގެ މަސައްކްތަކެވެ. އެސަރަޙައްދުގައި މިހާރުވަނީ ސައިޓް މަސައްކަތްތައް ފަށާފައެވެ.

މާލެއަކީ ވަށައިގެން ދުއްވޭ ތަނަކަށް ހެދުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ، ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ ބޮޑުތަކުރުފާނު މަގުން ރަސްފަންނުގެ ބައެއްގެ ގޮތުގައި ވެލިއަޅައިން ބަންދުކުރި ސަރަޙައްދު އަލުން ޓެރެފިކަށް ހުޅުވާލުމުގެ މަސައްކަތެވެ.

މާލޭ މަގުހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން މިހާރުދަނީ އެ ސަރަޙައްދުގެ މަގަށް އަޅާފައިވާ ވެލިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ގާތްގަނޑަކަށް 2 ފޫޓަށް ވެލި އަޅާފައިވާ އެ މަގަށް ވެލި އަޅާފައި ވަނީ ކުރިން ދުއްވަން ބޭނުންކުރި މަގުގެ ގާތައްވެސް ނުނަގައެވެ.

މަގު ހެދުމުގެ މަސައްކަތްކުރާ އާރްޑީސީން ބުނެފައިވަނީ މަގުން ވެލިތައް ނެގުމުގެ މަސައްކަތް 3 ދުވަސްތެރޭ އެއްކޮށް ނިންމާލެވޭނެކަމަށެވެ. މަގު ހަދާއިރު އެމަގައްވާ ސަރަަހައްދުގައި ހިމެނޭ ދުވާ ޓްރެކްވެސް ނެގުމަށްވަނީ ހަމަޖެހިފައެވެ.

މަގު ހެދުމުގެ މަސައްކަތާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަގު ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދުއްވުމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަަމަށެވެ.

މަގު ހެދުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ރާވައިގެން ކުރިއަށްގެންދާ މަސައްކަތްކެެވެ. އެންމެ ފުރަތަމަ ބޭރު މަގު ހުޅުވާލުމަށް ނިިންމައި މަގުހެދުމަށް ކަނބާ އައިސާ ރަނިހިންގުން ބަންދުކުރިނަމަވެސް އެ ސަރަޙައްދުގެ ޓްރެފިކަށް ދަތި ނުވާނެގޮތަށް އިންތިޒާމް ހަމަޖެއްސުމަށެވެ..

މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހަދަނީ މާފަންނުގެ 8 މަގެއްގެ 1.9 ކިލޯމީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތަށް 50މިލިއަނެއްހާ ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

މާލެ މަގު ހެދުމުގެ މަޝްރޫޢުގައި 416 މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތަކީ މާލޭގެ މަގުތައް ތަރުތީބުކޮށް، އެއް ގޮތަކަށް ޒަމާނީ ފެންވަަރަށް މަގުތައް ހެދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ ދަށުން މަގުތަކުގައި އަޑިން އަޅާފައިވާ ކޭބަލްތަކާއި ހޮޅިތައް ތަރުތީބުކޮށް، މަގުތައް އަލުން ކޮންނަން ނުޖެހޭގޮތަށް ބަދަލު ގެންނާނެއެވެ. އަދި ފަޔަރ ހައިޑްރަން އެޅުމާއި، މަގުތަކުގެ ޕާކިންގ މައްސަލަ ލުއިކޮށްދިނުމާއި، އަދި ޕަބްލިކް ޓްރާންސްޕޯޓަށް ފަސޭހަވާނެ ގޮތަށް މަގުތައް ހަދާނެއެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 18.8 ކިލޯމީޓަރުގެ މަގު ހަދާނެއެވެ. މިޕްރޮޖެކްޓަށް 462 މިލިއަން ރުފިޔާ ޚަރަދު ވާނެއެވެ. ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިންމާލުމަށް 2 އަހަރު ނަގާނެކަމަށް ސިޓީ ކައުންސިލުން ލަފާ ކުރެއެވެ.